އަހަރުގެ މިހާތަނަށް 132،000 އަށްވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޖުމްލަ އައިސްފައިވަނީ 132،235 ފަތުރުވެރިންނެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 9.4 ޕަސެންޓުގެ އިތުރުވުކެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 120،919 ފަތުރުވެރިންނެވެ.
އަދި ހަމައެހެންމެ ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު ތިން ދުވަހެއްގައި 8،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 16,073 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 12.2 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް ޖުމުލަ 14,208 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާއިރު ތިން ވަނައަށް މިހާރު އޮތް އިޓަލީއިން މިހާތަނަށް 14,053 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.
އެއާއެކު ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން 69.6 ޕަސެންޓު މީހުން ދަނީ ރިސޯޓް ތަކަށެވެ. އަދި 25.4 ޕަސެންޓު މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓަލްތަކަށް ދަނީ 2.5 ޕަސެންޓު މީހުންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,156 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 173 ރިސޯޓާއި 816 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 61,822 އެނދު އޮޕަރޭޓްކުރެއެވެ.