އިންޑިއާގެ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލާ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު މާލޭގެ ބައެއް މަގުތަކުގައި ހިނގާލުމެއް ބާއްވައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މި ހިނގާލުން ފަށާފައިވަނީ ހަވީރު 4:15 ހާއިރު، ޕީޕީއެމް އޮފީސް ކައިރިންނެވެ. އަދި ހިނގާލުން ނިންމާލާފައިވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ.

މި ހިނގާލުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ބައިވެރިވެވަޑައިގަތެވެ.

ހިނގާލުމުގެ ބައިވެރިން ތިބީ ރަތް ކުލައިގެ ޓީޝާޓު ލައިގެން، އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ، ބެނާތައް ހިފައިގެންނެވެ.

މިއަދުގެ ހިނގާލުން ދިޔައީ ސުލްހަވެރިކޮށް، އެއްވެސް ހަމަނުޖެހުމެއް ހިންގުމެއް ނެތިއެވެ. މި ހިނގާލުން ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅުން ބާއްވާ މި ހަރަކާތަކީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް އޮތް ހަރަކާތެއް ނޫން ކަމަށާއި، މި ހަރަކާތުގައި ހުރިހާ ސިޔާސީ ފަރާތްތަކާއި އާންމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް، މި ހަރަކާތް އިންތިޒާމް ކުރައްވާ ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ކުރީގެ ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.