އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށް ލާން، މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި 15 އަހަރަށް ޖަލަށް ލާން ހުކުމްކުރީ ދ. ބަނޑިދޫ، މުސްތަރީގެ މުހައްމަދު ނާފިއުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ނަމަވެސް އެ މައްސަލާގައި ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މައްސަލައިގެ ތަފްސީލެއް ކްރިމިނަލް ކޯޓަކުން ނުދެއެވެ.

ނާފިއު ޖަލަށް ލާން އަމުރުކޮށްފައި ވަނީ 15 އަހަރަށް ކަމަށްވިޔަސް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތަށް ކަނޑައި، އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުގެ މުއްދަތަކީ 13 އަހަރާއި އަށް މަސް ކަމަށް، ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ދާދިފަހުންވެސް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އުތުރުގެ ރަށަކުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.