ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް، ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން، އެޗްއާރުސީއެމް އިން ކަނޑައަޅައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން، އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ ގާނޫނު އަސާސީއާއި، ރާއްޖޭގައި ހެދިފައިވާ ކުޑަކުދިންގެ ގާނޫނުތަކާއި، ބޭރުގެ ގާނޫނުތަކާއި، ކުޑަކުދިންނަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހައްގުތަކަށް އަދި އަމަލުކުރަން ޖެހޭ ގަވާއިދުތަކަށް ރިއާޔަތް ކުރާއިރު، އެ ޖަލަކީ މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ޖަލެއް ނޫން ކަމަށް އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ނޮވެމްބަރުގެ 8 އިން 10 އަށް އެޗްއާރުސީއެމުން އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި، އެ ޖަލުގައި ގާއިމްކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަންސް އިން ދިން ނަމަވެސް، މިދިޔަ މަހުގެ 16 ގައި އައްސޭރި ޖަލަށް ޒިޔާރަތް ކުރުމުން، އެތަނުގައި ގާއިމް ކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ނުނިމޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އެހެންވެ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުދިން، ރައްކާތެރި އެހެން މާހައުލަކަށް ބަދަލު ކުރުމަށާއި، އެ ތާރީހުން ފެށިގެން އެއްވެސް މައްސަލައެއްގައި ކުޑަކުދިން ބަންދު ނުކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ކަރެކްޝަންސް އަށް އަންގާފައިވާނެ ކަމަށްވެސް، އެޗްއާރުސީއެމުން މައުލޫމާތު ދެއެވެ.

އަދި އެޗްއާރުސީއެމުން ބުނީ، އެ ކޮމިޝަނުން ކަރެކްޝަންސް އަށް އެންގި އެންގުމުގައި، އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް، ކަރެކްޝަންސް އިން ކަނޑައަޅާ ޕްލޭނެއް މިމަހުގެ 24 ގެ ކުރިން ފޮނުވުމަށް އެދިފައިވާނެ ކަމަށެވެ.