މާލޭގައި ހުންނަ ޖަލު ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕްރިޒަން މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.
މިއަދު ހޯމްލެންޑް މިނިސްޓްރީއިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސިފް ވިދާޅުވީ ދަރުމަންވަންތަ ސްކޫލާ އިންވެގެން މާލޭ ޖަލު ހުރުމާ ގުޅިގެން ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ކުދިންނަށް ދިމާވާ ބައެއް ނޭދެވޭ ކަންތައްތަކާ ގުޅިގެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން މާލެ ޖަލުގައި ބަންދުކޮށްފައިވާ ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީން އެހެން ޔުނިޓްތަކަށް ބަދަލުކޮށް މާފުށީ ޖަލާއި އައްސޭރި ޖަލުން ޖާގަ ހަދާ، މާލޭގައި ތިބި ގައިދީން ދަނީ އެ ޖަލުތަކަށް ބަދަލުކުރަމުން ކަމަށެވެ.
އާސިފް ވިދާޅުވީ އުންމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެއްޓެންވާއިރަށް މާލެ ޖަލުު ހުސްކުރުމުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
އާސިފް އިތުރަށް ވިދާޅުވީ ހަމައެއާއެކު ދަނާލްގެ ފުރަގަހުގައި ހުރި ކަރެކްޝަންސްގެ 'އެނެކްސް 1' އިމާރާތަށް ބަދަލުތައް ގެނެސް ކޯޓަށާއި ކޮންމެ ދުވަހަކު ބޭސް ފަރުވާއަށް ގެންނަ ގައިދީން އެތަނުގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެތަނުގެ ބައެއް މަރާމާތުތައް ކުރަމުންދާ ކަމަށެވެ.
ދަރުމަންވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފަށާފައިވާއިރު މިދިޔަ ސަރުކާރުންވެސް ވަނީ އެތަނުގައި ކިޔަވައިދޭން ފެށުމުގެ ކުރިން އެ ޖަލު ހުސްކުރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެނިފައެއް ނުވެއެވެ.