ޑްރޯންއެއް ބޭނުން ކޮށްގެން ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަރެކްޝަންސް އިން އަތުލައިގެންފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިއަދު ހެންދުނު ޑްރޯން ބޭނުން ކޮށްގެން އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އައްސޭރި ޖަލު ބަލަހައްޓާ އޮފިސަރުން ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.
އައްސޭރި ޖަލަށް 5 ނާކޮޓިކްސް ގެ ބުލެޓްސް އާއި 5 ސިމް ކާޑު ވެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސިީޕީ އަހްމަދު ވަނީ ވިދާޅުވެފައެވެ. އެ 5 ނާކޮޓިކްސް ގެ ބުލެޓްސްގައި 29 ގްރާމް ހުންނާނެ ކަމަށް އޭނާ ލަފާކުރެއެެވެ.
މިިދިޔަ ހުކުރު ދުވަހު އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފައި ވާއިރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އެ އޮފިސަރު ހައްޔަރުކޮށްފައި ވަނީ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައެވެ.
އެ އޮފިސަރު ހައްޔަރުކޮށް ކަރެކްޝަންއިސް ސަސްޕެންޑު ކޮށްފައި ވާއިރު އެފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސީޕީ ވަނީ ފާހަގަ ކުރެއްވާފައެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވައްދާ ބޭނުންކުރާ ކަމުގެ ޝަކުވާތައް ގިނަވެފައިވާއިރު އެގޮތުން ގިނަ އަދަދަކަށް ފޯނާއި ސިމް ކާޑު ފަދަ ތަކެތި ވައްދާ މައްސަލައަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި އެކަމުގައި އޮފިސަރުންގެ ދައުރު ބޮޑުކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.