ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލުތަކެއްގައި ތިބި ގައިދީން މަރުކަޒީ އެއް ޖަލަކަށް ބަދަލުކޮށް، އެއް ފުރާޅެއްގެ ދަށުން ގައިދީން ބެލެހެއްޓުން ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، އެކި ރަށްރަށުގައި ޖަލުތައް ހެދިފައި ހުރުމުގެ ސަބަބުން ޖަލުތައް ބެލެހެއްޓުމަށާއި ގައިދީންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ހަރަދުތައް ބޮޑުވެގެންދާ ކަމަށް، ސަރުކާރުން ހެދި އެސެސްމެންޓުތަކުން ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް މަހަކު ކޮންމެ ގައިދީއަކަށް 21 ހާހާއި 30 ހާސް ރުފިޔާ އާ ދެމެދު ހަރަދުތައް ކުރެވެމުން ދެއެވެ.

އެހެންކަމުން ޖަލުތައް ބެލެހެއްޓެނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު، އެއް މިސްރާބަކަށް ފޯކަސްކޮށް، މަރުކަޒީ އެއް ޖަލަކުން ހިދުމަތް ދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް އިހުސާން ވިދާޅުވި ނަމަވެސް، އެކަމާ މެދު ގޮތެއް ނިންމާނީ ކުރަން ޖެހޭ ދިރާސާތައް ކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް ޖަލުތަކުގައި ޖާގައިގެ ދަތިކަމާއި، ޖަލު ބެލެހެއްޓުމުގެ ނިޒާމުގައި އޮފިސަރުން މަދުކަމުން ޖަލުތައް އެދެވޭ ގޮތެއްގައި ނުބެލެހެއްޓޭކަން އިހުސާން ފާހަގަކުރެއްވިއެވެ. އެހެންވެ ގައިދީންނަށް ފަރުވާ ދިނުން ފަދަ ކަންކަމަށް ހުރަސް އެޅޭކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ބަލާނީ މިކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދެވޭތޯ ކަމަށެވެ.

ކަރެކްޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާފުށި ޖަލާއި އައްސޭރި ޖަލާއި މާލެ ޖަލުގައި ތިބި ގައިދީންގެ އަދަދު 1،200 އަށް ވުރެ އިތުރެވެ. މީގެ ކުރިން ވެސް ޖަލުތަކުގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކޮށް، އޭރުގެ ސަރުކާރުން ވަނީ މާފުށީ ޖަލަށް ޔުނިޓެއް އިތުރުކުރުމަށްޓަކައި ޔުނިޓުގެ ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ވެސް ކޮށްފައެވެ.