މޫސުން ގޯސް މިދުވަސްވަރު ކަނޑުމަތީ ހިނގާ ހާދިސާތަކުގެ އަޑު ކޮންމެ ދުވަހަކުހެން އިވެއެވެ. އެހެންނަމަވެސް މިއަދު އިވިގެން ދިޔައީ ކަނޑަށް ވެއްޓި ގެއްލުނު ޒުވާނަކު ފަތާފައި ރަށަށް އެރި ވާހަކައެވެ. ކާށިދޫ ކަނޑަކީ ކިހާ ގަދަ ކަނޑެއްކަން އެ ކަނޑުން ދަތުރުކުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެ ކަނޑުން ނަގާ ބިޔަ ރާޅުތަކުގެ ތެރޭގައި ފަތަން އިނގޭ މީހަކަށް ވެސް ސަލާމަތް ވުމަކީ ފަސޭހަ ކަމެއް ނޫންކަން ގިނަމީހުން ގަބޫލު ކުރާނެއެވެ. ގަދަ އޮޔެވަރާއި ޖެހެމުން ދިޔަ ގަދަ ވަޔާއެކުވެ އުފެދެމުން ދިޔަ ބިޔަ ރާޅުތަކުގެ ދަށުނުވެ، އެ ޒުވާނާގެ ފުރާނަ ސަލާމަތް ކުރަން ކަނޑުމަތީގައި ހޭދަކުރީ ކިހާ ވަގުތެއްކަން އެނގެން ބޭނުންވާ ކިތަންމެ ބަޔަކު ތިބޭނެއެވެ.
މިއަދު ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނަކީ އުމުރުން 22 އަހަރުގެ އިބްރާހިމް ލީވާންއެވެ. މި ހާދިސާގެ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާކުރީ އޭނާގެ މަންމަ އާގިސާ އަބްދުﷲ އެވެ.
އެއްބަނޑު އެއްބަފާ 4 ފިރިހެން ކުދިންގެ ތެރެއިން ކ. ކާށިދުއަށް އުފަން އުމުރުން 22 އަހަރުގެ އިބްރާހިމް ލީވާން އަކީ 3 ވަނަ ކުއްޖާއެވެ. ކުޑައިރުންސުރެ މޫދަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ލީވާން އަށް ޅައުމުރުގައި ފަތަން ދަސްވެފައި ވުމަކީ މިއަދު އޭނާގެ ފުރާނަ ސަލާމަތް ވުމުގެ ނަސީބަކަށް ވިއެވެ. ލީވާންގެ މަންމަ އެއްބަނޑު މީހެއްގެ ސަޕްލައި ދޯންޏެއްގައި ފަޅުވެރިއެއްގެ ގޮތަުގައި އޭނާ މަސައްކަތް ކުރަމުން އަންނަ އިރު މިއަދު ކަނޑަށް އެ ދޯނި ނިކުތީ ރ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓަކަށް މުދާ ގެންދިޔުމަށެވެ.
އާގިސާއަށް އެ ހަބަރު ލިބުނު ވަގުތު
އާގިސާއަށް އެ ހަބަރު ލިބުނު ގޮތް ހިއްސާކުރަމުން އޭނާ ބުނީ މިއަދު މެންދުރު ނަމާދަށް ވުޟޫކުރަން އުޅެނިކޮށް ފިރިމީހާ ގުޅާފައި ލީވާން އުޅޭ ދޯންޏަށް ކަމެއް ވެގެން އުޅޭ ވާހަކަ ބުނިކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާގެ ދޮށީދަރި އައިސް އެ ދޯނިން ލީވާން މޫދަށް ވެއްޓި ގެއްލިގެން އުޅޭ ހަބަރު ދިން ކަމަށްވެސް އާގިސާ ކިޔައިދިނެވެ.
އެ ވަގުތުކޮޅު އާގިސާގެ ހިތްފަޅައިގެން ދިޔަ ނަމަވެސް، ދަރިފުޅު ހެޔޮ ހާލުގައި ފެންނާނެ ކަމުގެ އުންމީދު ހިތުގައި އޮތެވެ.
ނަމާދުކޮށް ނިންމާ، ކަނޑަށް ވެއްޓުނު ދަރިފުޅު ސަލާމަތް ކޮށްދެއްވުމަށް އެދި، އޭނާ ދުއާ ކުރިއެވެ. ރޮމުން، ﷲގެ ހަޒްރަތުގައި، ދަރިފުޅުގެ ފުރާނައަށް އެދި އާދޭސް ކުރި ކަމަށާއި އޭގެ މާގިނައިރުތަކެއް ނުވެ މީހަކު އައިސް، ލީވާން ސަލާމަތުން ރަށަށް އެރި ވާހަކަ ބުނީ، އެ ދުއާގެ މަތީގައި އިންދާ ކަމަށްވެސް އާގިސާ ބުންޏެވެ.
ލީވާން ކަނޑަށް ވެއްޓި ވީ ކިހިނެއް؟
ލީވާން ކަނޑަށް ވެއްޓި ދެން ކަންވީ ގޮތް އިތުރަށް ކިޔައިދެމުން އާގިސާ ބުނީ އޭނާ ދޯނިން ވެއްޓުނީ ކާށިދުއާ ތިނެއް ނުވަތަ ހަތަރު މޭލު ބޭރުން، ގާތްގަނޑަކަށް ހެނދުނު 10 ޖެހިއިރުކަމަށެވެ. އަދި ރަށާ ހަމަޔަށް ފޯރިއިރު 12 ޖަހާ ބޮޑުވެދާނެ ކަމަށް ވެސް އާގިސާ ބުންޏެވެ.
ދޯނީގެ ފަހަތުކޮޅަށް ލީވާން ފާހާނާ ކުރަން ދިޔައީ ފަހަރުގައިވެސް ފުރާނަ އަތްމައްޗަށްލައިގެން އެ ހުރިހާ މަސައްކަތެއް ކުރަން ޖެހިދާނެ ކަމަކަށް ނޫނެވެ. ކުއްލިއަކަށް ޖެހި ރާޅެއްގައި ދޯންޏަށް އެރި ގުޑުމާ އެކު ލީވާން ކަނޑަށް ވެއްޓުނީ ކަމަށް އޭނާއާ ހަވާލާދީ އާގިސާ ކިޔައިދިނެވެ.
ކަނޑަށް ވެއްޓުނު ގޮތަށް ފުރަތަމަ ވެސް ދިޔައީ އަޑިއަށް ކަމަށާއި ވަރަށް މަސައްކަތުން މައްޗަށް އެރި އިރު ދޯނި އޮތީ ވަރަށް ދުރަށް ގޮސްފައި ކަމަށް ބުންޏެވެ. އެހިސާބުން ހަޅޭއްލެވި ކަމަށާއި އެހެންނަމަވެސް، އިންޖީނުގެ އަޑާއި ޖަނަރޭޓަރުގެ އަޑުގެ ސަބަބުން އޭނާގެ ހަޅޭކުގެ އަޑު ދޯންޏަށް ނުފޯރާނެކަން އެނގި ކަށިން ހިތްވަރުނެރެ ރަށެއް ފެނޭތޯ އޭނާ މަސައްކަތް ކުރިއެވެ. ވިސްނުންތެރިކަމާ އެކު ދަނޑިވަޅެއް ހޯދައި ރަށާ ދިމާލަށް ފަތައިގަތެވެ. ވަރުބަލިވުމުން ފެންމަތީ އޮންނަން މަސައްކަތް ކުރިއެވެ. އަނެއްކާ ފަތައިގަނެ، ނަތީޖާ އަކަށް ވެގެން ދިޔައީ އޭގެ 2 ގަޑިއިރު ފަހުން ރަށާ ހިސާބަށް ފޯރުމެވެ. ލީވާން އަށް ރަށަށް އެރުނީ ރަށުގެ ވަލު ފަރާތުންނެވެ.
ރަށަށް އެރުމުން ލީވާން އަށް ވީ ކިހިނެއް؟
ވެފައި ހުރި ވަރުބައްޔާއި ކުރިއަށް ދާނެ ހިތްވަރެއް ނެތިވެސް އޭގެ އިރުކޮޅެއްގެ ފަހުން ތެދުވެ، ލޮނު ކޮޅެއް ބޮއެގެން އެއްގަމަށް އަރާ އެތާ ކައިރީގައި ހުރި އާއިލާ މީހެއްގެ ގެޔަށް ދިޔައީ ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. އޭނާގެ ފައިގެ ދެތިން ތަނެއް ހަލާކުވެފައި ވާއިރު އެއީ ރަށުގެ ތޮށިމަތިން އެރުމުގެ ތެރޭގައި ލިބުނު އަނިޔާއެއް ކަމަށް އާގިސާ ބުންޏެވެ.
މިފަދަ ކަނޑުގަދަ ދުވަސްވަރެއްގައި ކަނޑަށް ވެއްޓި މީހަކު އެފަދަ ގޮތަކަށް ސަލާމަތްވާނެ ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް މިދަފަ ހާދިސާތަކުގައި ބައެއް މީހުން ސަލާމަތްވެފައި އެބަހުއްޓެވެ. މިދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރެއް ކަމަށާއި ދަތުރު ކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އަންނަނީ ކެނޑި ނޭޅި އިލްތިމާސް ކުރަމުންނެވެ.