ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާހަކަ ދެކެވޭއިރު ކޮންމެ މީހަކުވެސް ދައްކަނީ ކާށިދޫ ދާއިރާގެ މެންބަރުގެ ވާހަކައޭ ބުނުމަކުން ގައިމުވެސް ދޮގަކަށް ނުވާނެއެވެ. އެ ދައިރާގެ މިހާރުގެ މެންބަރުގެ އަހުލާގާއި ސުލޫކެއް ނެތް ވާހަކަ ދައްކާ މީހުން އެ މެންބަރު ސިފަކުރަނީ ޖޯކަރެއް ނުވަތަ މެންބަރު ކަމަށް ކުފޫ ހަމަ ނުވާ މެންބަރެއްގެ ގޮތުގައެވެ. އެއީ ކާށިދޫ ދާއިރާއަށްވެސް ލިބިފައިވާ ހުތުރެއް ކަމަށް ވެސް މީހުން ބުނެއެވެ. އިންތިހާބާ ދިމާކޮށް ފައިސާގެ މަޅިއަށް، ދާއިރާގެ ރައްޔިތުން ފައްތާ ގޮނޑި ހޯއްދެވި މެންބަރެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ތުހުމަތުކޮށްވެސް އުޅެއެވެ.
އެއީ ބަދަލުކުރަން ޖެހޭ ކަމަކަށް ވާއިރު ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން މީހުން ކުރި އިހުތިރާމާއި ގަދަރު އަނބުރާ ހޯދުމަށްވެސް އެކަމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމަކެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓަށް ދެ ދުވަހަށް ވެފައިވާއިރު އެއީވެސް ވިސްނާލުން ވަރަށް މުހިއްމުކަމެވެ. އެފަދަ މެންބަރަކަށް ދާއިރާގެ މަންދޫބުކަން ދެންވެސް ހަވާލުކޮށް ދާއިރާއަކީ ރާއްޖޭގެ ޗާޓުގައި އަގެއް ނެތް ދާއިރާ އަކަށް ހެދުމާއި އެހެން މެންބަރަކު ހިޔާރުކޮށް އަގު ހުރި ދާއިރާއަކަށް ހެދުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް އަކީ ކާށިދޫ ދާއިރާގައި ހިމެނޭ ގާފަރާ ދެ ރަށް، އެންމެ ފުރިހަމަ މާނާގައި ތަމްސީލު ކޮށްދެއްވާނެ މެންބަރަކަށް ވާނެއެވެ.
ޅ. ހިންނަވަރަށް އުފަން މުންތަޒިމް މަދަރުސީ ހަޔާތް ފެއްޓެވީ އެ ރަށުގައި ހިންގަމުންދާ ޅ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެމްއީއެސް އަދި އެސްސީސީ އިން މަދަރުސީ ހަޔާތް ނިންމާލެއްވި މުންތަޒިމް ޑިގްރީ ހާސިލް ކުރެއްވީ ޔޫކޭގެ އޮކްސްފޯޑް ޔުނިވާސިޓީ އިން އެކައުންޓިންގެ ދާއިރާއިންނެވެ. އެއަށްފަހު މުންތަޒިމް ވަނީ އޮސްޓްރޭލިގެ އިންސްޓިޓިއުޓް އޮފް ބިޒްނަސް ސްކޫލްއިން މާސްޓާސް ހާސިލް ކުރައްވާފައެވެ.
މޯލްޑިވްސް މަނިޓޮރީ އޮތީރިޓީ (އެމްއެމްއޭ) ގެ ފައިނޭންސް ޓްރެއިނީއެއްގެ މަގާމުން ވަޒީފާގެ މައިދާނަށް ނިކުންނެވި މުންތަޒިމް ވަނީ އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލްގެ މެނޭޖަރުގެ މަގާމާއި މީރާ ލައިސަންސް އޮޑިޓަރެއްގެ ގޮތުގައި 4 އަހަރު މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު ވެމްކޯ އަދި ޕެންޝަން ބޯޑް މެންބަރެއްގެ ވަޒީފާ މުންތަޒިމް ވަނީ އަދާކުރައްވާފައެވެ.
ސިޔާސީ އާއިލާއަކަށް އުފަން މުންތަޒިމާއި އާއިލާވެސް އެއް ފިކުރެއް
ހިންނަވަރޭ ބުނުމުން ކޮންމެ މީހަކަށްވެސް ހީވެފައި އޮންނާނީ އެ ރަށުން ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރި ވާނީ އިދިކޮޅު އެމްޑީޕީއިން ކަމަށެވެ. އެހެންނަމަވެސް އެއީ މުޅިއަކުން ރަނގަޅު ހީއެއް ނޫނެވެ. މުންތަޒިމްގެ އާއިލާއަކީ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އުޅޭ އާއިލާއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަމްސީލު ކުރެއްވެވި ދުވަސްވަރު 1994 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ރައީސް ސޯލިހާ ވާދަކުރައްވަން ނިކުންނެވީ މުންތަޒިމްގެ ބޭބެއެކެވެ. އެއަށްފަހު 2014 ވަނަ އަހަރުވެސް ރައީސް ސޯލިހާ ވާދަކުރައްވަން މުންތަޒިމްގެ ބޭބެއަކު ނިކުންނެވިއެވެ.
މުންތަޒިމަކީ ކާކުކަން އެންމެ ބޮޑަށް ގިނަ ބަޔަކަށް ކިޔައިދެންޏާ ބުނެވޭނީ ގިނަބައެއްގެ ލޯބި ހޯއްދެވި ކުރީގެ ހެލްތް މިނިސްޓަރު، މިހާރުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމްގެ ކޮއްކޯފުޅު ކަމަށެވެ. މުންތަޒިމްއަކީ އެ ރަށު ފެންވަރުގައި ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ހިންނަވަރު ދާއިރާގެ ސްޓިއަރިންގް ކޮމިޓީގެ ރައީސްވެސް މެއެވެ.
މުންތަޒިމަކީ އިދިކޮޅުގެ ލީޑަރުގެ ރަށަށް އުފަން އެއާ އިދިކޮޅު ފިކުރެއްގެ ބޭފުޅެކެވެ. މިއޮއް ހުރިހާ ދުވަހު އާއިލާއަކުން ކުރި ސިޔާސީ މަސައްކަތުން މުންތަޒިމް އެ ފިކުރާއި ޕާޓީ ދޫކޮށް ނުނިކުންނަވާނެ ކަމުގެ ޔަގީންކަން ދާއިރާގެ މެންބަރުންނަށް ލިބޭނެއެވެ.
ހިންނަވަރަށް އުފަން، ހިންނަވަރުގައި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި މުންތަޒިމް ކާށިދޫ ދާއިރާއަށް ވާދަކުރައްވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިނަމަވެސް އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެއީ މުންތަޒިމްގެ އާއިލާގެ ބައެއް އެ ރަށަކަށް ނިސްބަތްވާ ކާށިދޫގެ އެ ދާއިރާގެ ހާލަތު ފެނި، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވުމަށް ކޮންމެވެސް ގޮތަކަށް ހިދުމަތް ކޮށްދެއްވުމަށް ބޭނުން ވެގެންނެވެ.
ކާށިދޫ ދާއިރާގެ މުސްތަގުބަލު ކުލަ އަކުރުން ފަވާދޭނީ މުންތަޒިމް
މުންތަޒިމްގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ ގޮތުން އުންމީދު ބޮޑެވެ. ރައްޔިތުންގެ ތާއީދު ފެނި، ރަނގަޅު ނަތީޖާއަކާއެކު ކާމިޔާބު ލިބޭނެ ކަމަށް މުންތަޒިމް ގަބޫލު ކުރައްވައެވެ.
ކާށިދޫ ދާއިރާގެ މާޒީވި 10 އަހަރު ދުވަހަށް ބަލާއިރު އެ ދާއިރާއަށް ތަރައްގީ ނުވެ އޮތް މައިގަނޑު ސަބަބަކީ ސަރުކާރުގެ ކެންޑިޑޭޓަކު ދާއިރާ ތަމްސީލު ކުރަން ނެތުން ކަން ރައްޔިތުން ގަބޫލު ކުރާއިރު އެއީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވަނީ ވެފައެވެ. އެ ދާއިރާއަށް އަންނަން ޖެހޭ ތަރައްގީ އައިސްފައި ނެތްއިރު ޒުވާނުންނަށް އެކަށީގެންވާ ގޮތުގައި ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އެ ކަންބޮޑުވުން މުންތަޒިމްއާ ހިސާބަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަނީ ފޯރާފައެވެ. އެ ޝައުވާތަކާއި ކަންބޮޑުވުންތައް ހައްލުކޮށްދެވޭނެ ކަމުގެ ޔަގީންކަން މުންތަޒިމްގެ އެބަ އޮތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާއެކު އެމަނިކުފާނުގެ މެނިފެސްޓޯގެ ދަށުން އެ ދާއިރާގެ މުސްތަގުބަލު ކުލަ އަކުރުން ފަވައިދޭން މުންތަޒިމް ހުންނެވީ ތައްޔާރަށެވެ. އެގޮތުން މުންތަޒިމްއަށް ފުރުސަތު ދީފިނަމަ ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ކާށިދޫ އާއި ގާފަރު ފަޅު ތެރޭގައި ރިސޯޓެއް ގާއިމު ކުރުމަށް އޭނާ މަސައްކަތް ކުރައްވާނެއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދެވިއްޖެނަމަ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދާއިރާގެ ރައްޔިތުންގެ ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބި، ރައްޔިތުންގެ އާމްދަނީ އިތުރު ވުމާއެކު ސީޕްލޭން ދަތުރުތައް އިތުރުވެގެން ދާނެ ކަމަށް މުންތަޒިމް ގަބޫލު ކުރައްވައެވެ. މުންތަޒިމް ވިދާޅުވީ ގާފަރުގެ ބިން ހިއްކުމުގެ މަޝްރޫއާއެކު އެ ބިމުގެ ނަފާވެސް ރައްޔިތުންނަށް ހޯދޭނެ ކަމަށާއި ލޯކަލް ޓޫރިޒަމްގައި އެ ރަށަކީވެސް ފައްކާ ކުރެވިދާނެ ރަށެއް ކަމަށެވެ.
ރައްޔިތުން މަޖިލީހަށް ވާދަކުރައްވާއިރު ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތަކަށް ވެސް މުންތަޒިމް ތައްޔާރެވެ. އެގޮތުން އަދުލު އިންސާފުގެ ގާނޫނަކީ ރާއްޖޭގައި އެންމެ ފުރިހަމައަށް ނުދާ އެއް ގާނޫނު ކަމަށާއި ބައެއް މައްސަލަތައް ދިގުލާދާ މައްސަލަ ހައްލުކުރަން އެ ގާނޫނު އިސްލާހު ކުރަން މުހިއްމު ކަމަށް މުންތަޒިމް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ބިމާ ބެހޭ ގާނޫނަކީވެސް މައްސަލަ ދިމާވެފައިވާ ގާނޫނެއް ކަމަށާއި ބިންވެރިކަމަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ކަމުން އެއީވެސް ހައްލު ކުރަން ޖެހޭ މުހިއްމު ކަމަށެއް ކަމަށް މުންތަޒިމް ވިދާޅުވިއެވެ.
ކާށިދޫ އެކަހެރިކޮށް، އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެއްވާނެ މެންބަރަކަށް މުންތަޒިމް ވާނެއެވެ. ސަރުކާރުގެ ތެރެއިން އެ މަސައްކަތް ކޮށްދެއްވާނެ މެންބަރަކަށް މުންތަޒިމް ވާނެއެވެ.
އަހުލާގީ މިންގަނޑު ހިފަހައްޓާ، މުޅި ރާއްޖެއަށްވެސް ނަމޫނާއަކަށް ވާނެ!
ކާށިދޫ ދާއިރާ މިހާރު ހުރި މެންބަރުގެ އަހުލާގީ މިންގަނޑު ހުރީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫން ކަން ފާހަގަ ކުރައްވަމުން މުންތަޒިމް ވިދާޅުވީ އެކަން ދާއިރާގެ ރައްޔިތުންވެސް ގަބޫލުކުރާ ކަމަށާއި އެ މެންބަރު ހުންނެވި ޕާޓީއިން ވެސް ވަކިކޮށްފައި ވަނީ އެކަމާ ގުޅިގެން ކަމަށެވެ.
މުންތަޒިމް ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ދިނުމަށް އެހީތެރިވެދީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއި ގޮތުންވެސް ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ފަރާތަކަށް އޭނާ ވާނެ ކަމަށެވެ.
ކާށިދޫ ދާއިރާގެ އަގު ވަނީ ވެއްޓިފައެވެ. އެ އަގު އަނބުރާ ހޯދާނީ މުންތަޒިމެވެ. މުންތަޒިމް ތަފާތު ދައްކާނެއެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ މެންބަރަކަށް މުންތަޒިމް ވާނެއެވެ. ކާށިދޫ އަދި ގާފަރު ހިމެނޭ މުޅި ދާއިރާގެ މުސްތަގުބަލު އުޖާލާވެ، ފެހި ފާހަގަތި ދުވަސްތަކެއް ހޯދުމަށް މުންތަޒިމަކީ ހަމައެކަނި އެ ދާއިރާގެ ޗޮއިސްއެވެ.