ކ. ކާށިދޫއަށް ދަތުރު ކުރަމުންދާ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ

އެމްއެންޑީއެފް އިން ބުނީ، މި ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހީން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 3:14 ހާއިރު ކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.

ކާށިދޫއަށް ދަރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، މިއަދު ދ. ކުޑަހުވަދޫ ކައިރީގައި އޮތް މުދާ އުފުލާ ބޯޓެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. މިއަދު ހެނދުނު މި އަލިފާނުގެ ހާދިސާ ހިނގާފައިވާ އިރު، މެންދުރު ފަސް ވީ އިރު ވެސް އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މެންދުރު ފަހު 2:45 ހާއިރު އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ކުޑަހުވަދޫ ކައިރިން އަލިފާނުގެ ހާދިސާ ހިނގި ދޯނީގައި ތިބީ 5 މީހުންނެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަަމަށް މައުލޫމާތު ލިބެއެވެ.