ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ހއ. އަތޮޅުން ފެށިގެން އދ އަތޮޅަށް މޫސުން ގޯސްކަމަށާ މިއަދު މެންދުރުފަހު 02:30 އިން ފެށިގެން އިރުއޮއްސި 06:30 އަށް އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މި ސަރަހައްދުތަކަށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ގަޑިއިރަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ބުނެއެވެ.

މެޓް އޮފީހުން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެެވެ.

ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށްވެސް އިލްތިމާސް ކުރެއެވެ.