ލ. އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.

34.7 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، އެމްޓީސީސީން ވަނީ 31,820 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ފަދަ މަސައްކަތްތައް ކޮށްފައެވެ.

އަދި މި މަޝްރޫއުގައި 1810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު އަދި 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މި މަޝްރޫއު ނިންމާފައިވަނީ މިދިޔަ އޮގަސްޓް 17 ގައެވެ.