އެގްރޯނެޓް ކޮމިއުނިޓީ ފާމިން މަޝްރޫއުގެ ދަށުން ލ. އިސްދޫގައި 100،000 އަކަފޫޓުގެ ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ވިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަހަރު ރިޔާސީ ބަޔާން އިއްވަމަމުން ވަނީ ވިދާޅުވެފައެވެ. ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީ އަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލުހޯދުމަށް ސަރުކާރުން ކޮށި މަގެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެމަސައްކަތް ފަށައިގެން ދަނޑުވެރިން އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމަށް ވެސް ރައިސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިންނަށް ހަމައަގު ހޯދައިދުނުމަށްޓަކައި އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ހަތަރު ޑިސްޓްރިބިއުޝަން ސެންޓަރު ނިމިފައިވީ ނަމަވެސް ބާކީކުރި ތަންތަންވެސް މިހާރު ހުރީ ނިމުމުގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށް އެގްރޯނެޓުން ބުނެއެވެ. އެގްރޯނެޓުން ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމްކުރާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ލ. ގަން، ނ. މަނަދޫ، ރ. ކިނޮޅަސް، ފ. މަގޫދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ގއ. ނިލަންދޫ، ޏ. ފުވައްމުލައް، އަދި ސ. ހުޅުމީދޫ އެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އެގްރޯނެޓުން އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ފެށީ 10 ރަށެއްގައެވެ. ނަމަވެސް މިހާރު ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން އެގްރޯނެޓްގެ ނެޓްވޯކާ ގުޅިގެން އަނަނީ މަސައްކަތް ކުރަމުންނެވެ. ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންއާ 485 ދަނޑުވެރިން މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ވަނީ ފޯރުކޮށްދީފައެވެ.