ސްކޫލް ގަޑީގައި ކްލާހުން ބޭރަށް ނުކުތުމުން ލ. އިސްދޫ / ކަޅައިދޫގެ ދަރިވަރުން ތަކަކަށް އަދަބު ދިން މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެ ސްކޫލުން އަދަބު ދީފައި ވަނީ ގްރޭޑް 10ގައި ތައުލީމު ހާސިލް ކުރަމުންދާ ތިން ދަރިވަރަކަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުދިންނަށް އަދަބު ދީފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި، އެހެން ކަމުން އެކަން ހިނގާ ދިޔަ ގޮތް އިތުރަށް ބަލަމުން ދާ ކަމަށެވެ. އަދި މިހާތަނަށް، އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށާއި މައްސަލަ ބަލާ ނިމުމުން ނޫނީ އިތުރު މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުދިންނަށް އަދަބު ދީފައި ވަނީ ގަނޑެއްގައި "އަޅުގަނޑު ދެން ސްކޫލް ގަޑީގައި ސްކޫލް ހޯލުން ބޭރަށް ނުދާނަން" ލިޔެ ގަނޑު ހިފައިގެން އެހެން ކުދިންނަށް ފެންނަ ގޮތަށް ކޮޅަށް ބައިތިއްބައިގެންނެވެ. އެ ވަގުތު ޕްރިންސިޕަލް ހުންނެވި ނަމަވެސް އެކަމަށް އަހަންމިއްޔަތުކަން ދެއްވާފައި ނުވާ ކަމަށް ސްކޫލްގެ ބެލެނިވެރިން ތުހުމަތު ކުރެއެވެ.

މި ކަމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެ ސްކޫލް ހިންގަން އާ ޕްރިންސިޕަލެއް ދާދި ފަހުން ގެންގޮސްފައި ވާއިރު ކުރީގެ ޕްރިންސިޕަލް ވަކި ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.