އޫރިދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލަށް ނޭޕާލް ދަތުރުކޮށްފިއެވެ. ނޭޕާލް ފައިނަލަށް ދިޔައީ މިއަދު ހަވީރު ބަންގްލަދޭޝްއާ ކުޅުނު މެޗު 1-1 އެއްވަރުވުމުންނެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގެ ފައިނަލަށް ނޭޕާލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ހަވީރު 04:00 ފެށި މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަންގްލަދޭޝްއިންނެވެ. މެޗުގެ 9 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސުމަން ރިޒާއެވެ.

ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާ ފުރުސަތުތައް ލިބުނު އިރު ފުރަތަމަ ހާފް ނިމުނީ ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓުކުރަމުން ދިޔަ އިރު ދެވަނަ ހާފްގައި ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. އަދި އިތުރު ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު މެޗުން ބަލިވެ ނޭޕާލް މުބާރާތުން ކަޓާނެހެން ހީވާން ފެށިއެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ޑިފެންސިވް މޮޅު ކުޅުމެއް ދައްކަމުން އައި ބަންގްލަދޭޝް ޓީމުގެ ކީޕަރު ޒީކޯއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގެ 79 ވަނަ މިނެޓްގައި އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ އޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމުންނެވެ.

މެޗުގެ ބާކީ ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ބަންގްލަދޭޝްއިން ދެން ވެސް މަސައްކަތް ކުރީ ނޭޕާލްއަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާށެވެ. އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓް ނޭޕާލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެޓީމުން ސްކޯ ހަމަ ހަމަ ކުރިއެވެ.

ނޭޕާލްގެ ބިސްތާ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު އޮންލައިން

މެޗުން މޮޅުވާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނު އިރު ގިނަ ޗާންސްތައް ލިބުނީ ނޭޕާލްއަށެވެ. އެހެން ނަމަވެސް މެޗު ނިމުނީ 1-1ގެ ސްކޯއަކުންނެވެ.

މިއާއެކު ހަތަރު މެޗު ކުޅެ ހަތް ޕޮއިންޓް ހޯދައިގެން ނޭޕާލް މިވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ އެއްމެޗުން އެއްވަރުވެގެންނެވެ.

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބަންގްލަދޭޝްގެ ޓީމު މުބާރާތުން ކަޓައިގެން ދިޔައީ ތާވަލުގެ 4 ވަނައިގައި އޮވެގެންނެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެ އެއް މެޗުން ދަށްވުމުން ލިބުނު 5 ޕޮއިންޓާއެކުއެވެ.

ފައިނަލްގައި ނޭޕާލް ވާދަކުރާނެ ޓީމު އެނގޭނީ މިރޭ ދިވެހި ރާއްޖެއާ އިންޑިއާ ވާދަކުރާ މެޗަށް ފަހުއެވެ. މިމެޗުން އެއްވަރުވެގެން ވެސް ރާއްޖެއަށް ފައިނަލުން ޖާގައެއް ލިބޭނެ އިރު އިންޑިއާ ޖެހޭނީ މެޗުން މޮޅުވާންށެވެ.