މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި ހަބީބީހެޕް އުމުރުން 39 އަހަރުގެ އިސްމާއީލް ސާއިފްއެވެ.
ފުލުހުން ބުނީ މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހާ މިއަދު ހެނދުނު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.