މި ދައުރު ނިމޭއިރު ވެސް މިނިމަމް ވޭޖް ދިރާސާކޮށް ނުނިމޭނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެހެން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައެޅި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ދިރާސާކޮށް އަދި ނުނިމޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.
އެގޮތުން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ނިމޭއިރުވެސް އެކަން އޮންނާނީ ދިރާސާ ކުރުމުގައި ކަމަށާ "ނައިޓަށް ރަށަށް" ގެ ނަމުގައި ރިސޯޓު މުވައްޒަފުންނަށް ވެސް ހަމަ އެފަދަ ހުވަފެނެއް ދެއްކި ކަމަށެވެ.
އެގޮތުން ނައިޓަށް ދިޔަގޮތައް ގިނަ ކުދިން ދާއިމަށް ތިބެން ޖެހުނީ ރަށުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ބޯޑުުން މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓާގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.
ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓާގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.
ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.
އިއްޔެ މިނިސްޓްރީން ވަނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީން ދިރާސާކުރަމުން ގެންދާ ކަމަށާ އެ ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅާ އާންމުކުރާނެ ކަމަށެވެ.