އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ސާފް ޗެމްޕިއަންޝިޕްގެ ބާކީ ހުރި މެޗުތަކަށް ޓިކެޓް ދޫކުރުމަށް އިތުރު ދެ ކައުންޓަރެއް ބަހައްޓާނެ ކަމަށާއި، އެގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުން މިއަދު ބުނެފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ދަ ޕްރެސް" އަށް ވިދާޅުވީ އާންމުންނަށް ފަސޭހަކޮށްދިނުމަށްްޓަކައި، ގަލޮޅު ރަސްމީ ދަނޑުން ޓިކެޓު ދޫކުރުމުގެ އިތުރުން، އިތުރު ދެ ކައުންޓަރެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސޯޝަލް ސެންޓަރުގައި ދެ ކައުންޓަރެއް ހުޅުވަން ނިންމާފައިވާ ކަމަށާއި، އެކަމުގެ ސަބަަބުން އާންމުންނަށް ޓިކެޓު ހޯދުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންޓަރުތަކުން ޓިކެޓުތައް ގަތުމަށްފަހު، ކަޅު ބާޒާރުގައި އަގުބޮޑުކޮށް ވިއްކާ ޓިކެޓުތައް ނުގަތުމަށް އިލްތިމާސް ކުރައްވައި، ޖަވާޒް ވިދާޅުވީ އެފްއޭއެމުން މި ކަންތައްތައް ގާތުން ބަލަމުންދާ ކަމަށެވެ.
ޖަވާޒް މިހެން ވިދާޅުވިއިރު، މަސައްކަތަށް އެނބުރި ވަޑައިގަތުމަށް ފަހު، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ބާކީ ހުރި މެޗުތަކަށް ފަސޭހައިން އާންމުންނަށް ޓިކެޓް ލިބޭނެ ގޮތެއް އެފްއޭއެމް އާ ވާހަކަ ދައްކައިގެން ރާވައިދޭނެ ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއަދު ލަންކާ އާއި ރާއްޖެ ކުޅޭ މެޗަށް އިއްޔެ ހެނދުނު 10:00 ގައި ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވަނީސް، ޓިކެޓުތައް ހުސްވެއްޖެ ކަމަށް ބުނެ ކައުންޓަރުތައް ބަންދު ކުރުމުން، އާންމުން ވަނީ ގަލޮޅު ދަނޑު ކައިރީގައި އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ.
އެހެންވެ އާންމުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން، ސްޕޮންސަރުންނާއި ކްލަބުތަކަށް ހާއްސަ 2،500 ޓިކެޓުގެ ތެރެއިން 1،000 ޓިކެޓު އާންމުންނަށް ވިއްކުމަށް އެފްއޭއެމުން ނިންމައި، ރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި މީހަކަށް ޓިކެޓެއް ދޫކުރާ މަގުން ޓިކެޓުތައް ވަނީ ރޭ ވިއްކާފައެވެ.