ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތައް އުފުލާފައި ވަނިކޮށް، ސިއްހީ ފަރުވާއަށް ކަމަށް ބުނެ، މިދިޔަ ފެބްރުއަރީގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު، އޭނާ ރާއްޖެއަށް އެނބުރި ވަޑައިނުގަތް މައްސަލާގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓައިދެވެން ނެތް ކަމަށް ބުނެ ހައިކޯޓުން އަނެއްކާވެސް ހުކުމް ކޮށްފިއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން ރާއްޖެ ވަޑައިނުގަންނަވާތީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން މީގެ ކުރިންވެސް ދައުލަތުން އެދުނު ނަމަވެސް، އެ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމިއެވެ. ކްރިމިނަލް ކޯޓުންވެސް އެފަދަ އަމުރަކަށް އެދުމުން، އެ ކޯޓުންވެސް ވަނީ އެ އަމުރު ނެރެނުދޭން ނިންމާފައެވެ. އެހެންވެ ދައުލަތުން ވަނީ ހައިކޯޓުގައި އެ ހުކުމް މިއަދު އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހަސަން ޝަފީއު ކުރެއްވި ހުކުމްގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދެވޭނީ އެ މީހަކު ރާއްޖޭން ބޭރަށް ދިއުމުގެ ކުރިން ކަމަށާއި، އެ މީހަކު ރާއްޖޭން ބޭރަށްދާ ފަހުން އެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެ ނުދެވޭނެ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ.

މީގެ އިތުރުން ކޯޓަކަށް އަމުރެއް ނެރެދެވޭނީ އެފަދަ އަމުރެއް ނެރެން ޖެހޭ ހާލަތެއް ވުޖޫދުވެފައި އޮތް ނަމަ ކަމަށާއި، އެހެންކަމުން މީހަކު ފިލާފާނެ ކަމަށްޓަކައި އޭނާ އެފަދަ ކަމެއް ކުރުމުގެ ކުރިން އެފަދަ އަމުރަކަށް އެދެންޖެހޭނެ ކަމަށާއި، ނޫނީ އެފަދަ އަމުރެއް ނެރުމުގެ މަގުސަދު ހާސިލް ނުވާނެ ކަމަށްވެސް އެ ހުކުމުގައި ވެއެވެ.

މި ނުކުތާތައް ފާހަގަކޮށް، ހައިކޯޓުގެ ތިން ފަނޑިޔާރުންވެސް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނުދޭން ކުރި ހުކުމް ރަނގަޅު ކަމަށް އިއްތިފާގު ކުރައްވައި، ހުކުމް ކުރައްވާފައެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރު ނުވުމުން އޭނާ ވަނީ ދެ މަހާ 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.