ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން އެއްކޮށް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން، އަލުން ކޮވިޑު ޖެހުމުން ނުރައްކާ ބޮޑުވާނެ ފަރާތްތަކަށާއި، ފްރަންޓް ލައިންގަ މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޝޮޓެއް، ނުވަތަ އިތުރު ޑޯޒެއް ޖަހަން އެޗްޕީއޭއިން އަންގައިފިއެވެ.
އެޗްޕީއޭއިން ބުނީ، މިގޮތަށް އަންގާފައިވަނީ މިކަމާ ގުޅޭ ގޮތުން ކުރި ދިރާސާތަކަށް ބެލުމަށް ފަހު، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބޫސްޓާ ޝޮޓް ޖަހަން ލަފާ ދީފައި ވާތީ ކަމަށެވެ.
އެހެންކަމުން، ބޫސްޓާ ޝޮޓްގެ ގޮތުގަ މިވަގުތު ޖަހަން ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށާއި، ބޫސްޓާ ޝޮޓް ޖަހާނީ ވެކްސިން ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ބޫސްޓާ ޝޮޓް ޖަހަން ހަމަޖެހިފައިވާ ފަރާތްތައް
- ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
- 60 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމް ބަލިކަށި މީހުން
ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގަ ހިމެނޭ ފަރާތްތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ ފަރާތްތައް
- ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭސްތައް ބޭނުންކުރާ ފަރާތްތައް
- ދިގު މުއްދަތަކަށް ސްޓިރޮއިޑް ބޭނުންކުރާ ފަރާތްތައް
- ގަވާއިދުން ޑައަލިސިސް ހަދާ ފަރާތްތައް
- ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ނުވަތަ ފަރުވާ ހޯދުމަށް ފަހު އަހަރެއް ނުވާ ފަރާތްތައް
- އޮކްސިޖަން ތެރަޕީގެ ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާ ފަރާތްތައް
- ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް
- ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ފަރާތްތައް
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފަވާ ފަރާތްތައް
- އުމުރުން ދުވަސްވުމުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފަވާ ފަރާތްތައް
- ހިތުގެ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތައް
އަންނަ ހޯމަ ދުވަހުން ފެށިގެން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން، އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ފައިޒާގެ ބޫސްޓާ ޝޮޓް ޖަހައިދޭނެއެވެ.
ބޫސްޓާ ޝޮޓަށް ޝަރުތު ހަމަވާ ފަރާތްތަކުން، book.hpa.gov.mv އިން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.