ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައާ ގުޅިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މައާފަށް އެދިވަޑައިގެންފިއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ރާއްޖޭގައި އަޅުކަން ކުރެވޭނެ ގޮތް މަގުފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެވާހަކަތަކާ ގުޅިގެން އާއްމުންގެ ފާޑުކިއުން ޖާބިރަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ މަޖިލީހުގައި އެގޮތައް ވާހަކަ ދެއްކެވުނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށާ އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ދެން އެކަހަލަ ވާހަކައެއް ނުދައްކަވާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އެގޮތުން ޑރ. ޒާހިރު ވިދާޅުވީ ޖާބިރު ވަނީ ދީނީ މިންގަނޑުތަކުން ބޭރުވެފައި ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރަކަށް ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ތަޅުމުގައި ނުދެއްކެވޭނެ ކަމަށެވެ.

އެ މައްސަލަ މަޖިލިސް އިދާރާއިން ދަނީ ބަލަމުންނެވެ.