ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރާއްޖޭގެ ދީނީ މިނިވަންކަމަށް ގޮވާލައްވާ ވާހަކަ ދެއްކެވި މައްސަލަ ބަލަމުންދާ ކަމަށް މަޖިލީހުން ބުނެފިއެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގަ އެހެނިހެން ދީން ތަކަށްވެސް ފުރުސަތުދީ، ދީނީ މިނިވަންކަން އޮންނަންވާނެ ކަމަށެވެ. އެގޮތުން ﷲ ތައާލާ ވޮޑިގެންވާކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ދީނީ މިނިވަންކަމަށް ފުރުސަތު ދޭނެ ޖެހޭ ކަމަށާއި، އިސްލާމީ ޝަރީއަތުންވެސް އެކަމަށް ހުރަސް ނާޅާ ކަމަށެވެ.

"ދަ ޕްރެސް" އަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުގެ އިދާރާއިން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަލްކާފިރޫން ސޫރަތުގެ ފަހު އާޔަތުން މިސާލު ނަންގަވާ، ޖާބިރު ވިދާޅުވީ އެހެން ދީންތަކުގެ މީހުންނަށްވެސް ރާއްޖެ އައިސް، އަޅުކަންކޮށް ދިރިއުޅުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ.

ޖާބިރު ދީނީ މިނިވަންކަމަށް މިއަދު މަޖިލީހުގަ ގޮވާލެއްވިއިރު، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި ދީނުގެ އަސްލާ ހިލާފު ގާނޫނުތައް ހެދުން މަނާ ވާނެއެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް އޮތުމަށް ދިވެހިންނެއް ނުރުހެއެވެ.

މަޖިލީހުގެ މެމްބަރުންނަށް ލިބިފަވާ ހާއްސަ އިމްތިޔާޒެއްގެ ދަށުން، ތަޅުމުގަ މެމްބަރުން ދައްކާ ވާހަކަތަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. ނަމަވެސް ގަވާއިދުގައިވާ ގޮތުން ދީނުގެ އުސޫލުތަކާ ހިލާފު ވާހަކައެއް ނުދެއްކޭނެއެވެ.