އިސްލާމްދީނުގެ އިތުރުން އެހެނިހެން ދީނުތަކަށް ރާއްޖެއިން ފުރުސަތު ދޭންޖެހޭ ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގަ މިހާރު ކުރިއަށްދާ ޖަލްސާގައި ޖާބިރު ވިދާޅުވީ، ﷲ ތައާލާ ވޮޑިގެންވާކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ދީނީ މިނިވަންކަމަށް ފުރުސަތު ދޭންޖެހޭނެ ކަމަށާއި އިސްލާމީ ޝަރީއަތުންވެސް އެކަމަށް ހުރަހެއް ނާޅާ ކަމަށެވެ.

"ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެން މިއީ ސުންނީ މުސްލިމުން." ޖާބިރު ވިދާޅުވިއެވެ.

އެއަށްފަހު، ކީރިތި ގުރުއާނުގެ އަލްކާފިރޫން ސޫރަތުގެ ފަހު އާޔަތުން މިސާލު ނަންގަވާ، ޖާބިރު ވިދާޅުވީ އެހެން ދީންތަކުގެ މީހުންނަށްވެސް ރާއްޖެ އައިސް އަޅުކަންކޮށް، ދިރިއުޅުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

"މާނައަކީ އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށްގެން މިތާ އުޅެވެން ވާނެއޭ."
ޖާބިރު

މީގެ އިތުރުން، ހެއްކާ ބެހޭ ގާނޫނަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު ސަރުކާރު ނިމިގެން ދިޔައިރުވެސް އަދުލުވެރި ހެއްކެއް އަދި ހެކިދޭ މީހާއަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި އއ. މަތިވެރިން ޖާބިރަށް ހަމަލާދިން މައްސަލައިގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ބެލުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ.

ޖާބިރު ދީނީ މިނިވަންކަމަށް މިއަދު މަޖިލީހުގަ ގޮވާލެއްވިއިރު، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި ދީނުގެ އަސްލާ ހިލާފު ގާނޫނުތައް ހެދުން މަނާ ވާނެއެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް އޮތުމަށް ދިވެހިންނެއް ނުރުހެއެވެ.