އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓުން 20 ޕަސެންޓާ ހަމައަށް ބޮޑުކުރަން އެކުންފުނިން ނިންމައިފިއެވެ.
އެމްއޭސީއެލުން ބުނީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓު އިތުރު ކުރުމަށާއި، ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެކުންފުނީގެ އިސް މަގާމުތަކުގައި ތިބި ބޭރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މުސާރައިގެ އިތުރުން އެމްއޭސީއެލުން މުވައްޒަފުންނަށް ދޭ އިނާޔަތްތައް؛
- ހެލްތު އިންޝުއަރެންސް
- ހިލޭ ދަތުރުފަތުރާއި ޕާކިން
- މުވައްޒަފުންނާއި މުވައްޒަފުންގެ ދަރިންނަށް ހާއްސަ ލޯން ސްކީމް
- މުވައްޒަފުން ބިނާކުރުމުގެ ސްކީމް
އެކުންފުނިން ބުނީ މި ނިންމުން ނިންމާފައިވަނީ އެކުންފުނީގެ މުވައްޒަފުން ކޮވިޑް-19 ގެ ނުރައްކާތެރި ދަނޑިވަޅުގައި ކެނޑިނޭޅި މަސައްކަތް ކުރުމުގެ ސަބަބުން އެކަމުގެ އަގުވަޒަން ކުރުމަށްޓަކައި ގެނެވޭ ބަދަލެއް ކަމަށެވެ. ހަމަ އެހެންމެ، އެމްއޭސީއެލް އަކީ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން މުސާރަ ވަކި މިންގަޑެއްގައި ހިފެހެއްޓުމަކީ އެ ކުންފުނި ހިންގުމަށް ގެންނަން ޖެހޭ މުހިންމު ބަދަލެއްގެ ގޮތުގައި ދެކޭ ކަމެއް ކަމުގައިވެސް ބުންޏެވެ.