މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ޕީޕީއެމްގެ އިންތިހާބުތަކުގައި 3 އަހަރު ވަންދެން ވާދަނުކުރެވޭ ގޮތް އެ ޕާޓީން ހަދައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޓީއިން ދިރާސާކުރުމަށް ފަހު، ނިންމީ ކުރިއަށް އޮތް 6 މަސް ދުވަހު އެ ޕާޓީގެ ޕޯޑިއަމް ހަރަކާތްތެއްގައި ނަހުލާ ބައިވެރިވެރި ނުކުރުމަށާއި ކުރިއަތް އޮތް 3 އަހަރު އެ ޕާޓީގެ އެއްވެސް އިންތިހާބެއްގައި ނަހުލާއަށް ވާދަނުކުރެވޭނެ ގޮތަށް ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް މިހެން ނިންމީ ކޮން މައްސަލައެއްް ހުށައަޅައިގެން ކަމެއް ހީނާ ވިދާޅެއްނުވެއެވެ.

ދެން ނަހުލާއަށް ޕީޕީއެމްގެ އިންތިހާބެއްގައި ވާދަކުރެވޭނީ 2024 ވަނަ އަހަރެވެ. އެހެން ނަމަވެސް ހީނާ އިތުރަށް ވިދާޅުވީ މި މައްސަލަ ނަހުލާ ވަނީ އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށައަޅައިފާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޕީޕީއެމުން ނަހުލާއަށް ފިޔަވަޅުތަކެއް އަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އޭނާ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް އަމަލުކުރެއްވުމުންނެވެ.

މީގެ ކުރިން ނަހުލާ ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުންވެސް ރައްުޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވެފައެވެ.