ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން ފަސް މަސް ދުވަހަށް ދެމިގެން ދިއުން އެކަށީގެންވާ ކަމަށް އެ ޝޯ ހުށައަޅާ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން ބުނެފިއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މި ޝޯގައި ބައިވެރިވާ ހުރިހާ ތަރިން އަދި ޔަގީން ނުވާއިރު ސަލްމާން ބުނީ މިސީޒަނުގައި، ކުރީގެ ސީޒަނުތަކުގައި ނުފެންނަ އާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާ ސީޒަނާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މި ސީޒަން ދިގުލައިގެން ދިޔަ ނަމަވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ޖަންގަލީގެ ތީމަކަށް "ބިގް ބޮސް 15" ގެނެސް ދިނުމަށް ނިންމާފައި ވާއިރު ބިގް ބޮސްގެ ގެއަށް ވަނުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނީ ޖަންގަލީގެ އުނދަގޫ ދަތުރަކަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން މި ޝޯއަކީ ތިން މަސް ދުވަހަކަށް ބައިވެރިން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަދި ހޯދަމުން އަންނަ ޝޯއެކެވެ. މިއީ ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ ޝޯއެއް ނަމަވެސް ފަހުގެ ބައެއް ސީޒަންތައް ވަނީ ތިން މަހަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައެވެ.