ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން މިރޭ ފަށައިފިއެވެ.

މި ޝޯގައި ބައިވެރިވާ ހުރިހާ ތަރިން އަދި ޔަގީން ނުވާއިރު ޝޯ ހުށައަޅާ މަޝްހޫރު ފިލްމީ ތަރި ސަލްމާން ބުނީ މިސީޒަނުގައި، ކުރީގެ ސީޒަނުތަކުގައި ނުފެންނަ އާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.

މިރޭ ރާއްޖެ ގަޑިން 09:00ގައި ފެށި މި ޝޯއަށް، އޮސްޓްރޭލިއާގައި ފިލްމެއްގެ މަސައްކަތް ކުރަން ހުރުމަށް ފަހު ސަލްމާން ވަނީ އައިސްފައެވެ.

"ބިގް ބޮސް" ގެ 15 ވަނަ ސީޒަން ފަސް މަސް ދުވަހަށް ދެމިގެން ދިއުން އެކަށީގެންވާ ކަމަށް ބުނެ ސަލްމާން ބުނީ އާ ސީޒަނާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މި ސީޒަން ދިގުލައިގެން ދިޔަ ނަމަވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށެވެ.

ޖަންގަލީގެ ތީމަކަށް "ބިގް ބޮސް 15" ގެނެސް ދިނުމަށް ނިންމާފައި ވާއިރު ބިގް ބޮސްގެ ގެއަށް ވަނުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނީ ޖަންގަލީގެ އުނދަގޫ ދަތުރަކަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން މި ޝޯއަކީ ތިން މަސް ދުވަހަކަށް ބައިވެރިން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަދި ހޯދަމުން އަންނަ ޝޯއެކެވެ. މިއީ ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ ޝޯއެއް ނަމަވެސް ފަހުގެ ބައެއް ސީޒަންތައް ވަނީ ތިން މަހަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައެވެ.