ކަލާޒް ޗެނަލުން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން ފަށައިފިއެވެ.

މި ފަހަރުގެ ޝޯ ވެސް ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ހުށައަޅާއިރު މި ފަހަރުގެ ޝޯގެ ބައިވެރިންނަކީ ގިނައިން ދެމަފިރިންނާއި ލޯބިވެރިންނެވެ. މި ފަހަރުގެ ޝޯގައި ބައިވެރިވި އެންމެ ވަރުގަދަ ޖޯޑަކީ "ގުމް ހޭ ކިސީކޭ ޕިޔާރު މޭ" އިން ފެނިގެންދިޔަ އައިޝްވާރިޔާ ޝަރްމާ އާއި ނީލް ބަޓްއެވެ. އަދި އަންކިތާ ލޯކަންޑޭ އާއި ވިކީ ޖެއިން އެވެ. މިތަރިންގެ އިތުރުން ބިގް ބޮސް ގައި މިފަހަރު ބައިވެރިވި ތަރިންނަކީ އީޝާ މަލްވިއާ، އަބީޝެން ކުމާރު، މަނާރާ ޗޯޕްޅާ، މުނައްވަރު ފާރޫގީ، ޖިގްނާ ވޯރާ، ރިންކޫ ދަވަން، އަރޫން މަޝެޓީ، ހާންޒާދީ، ސަނީ އަރިއާ، ސޯނިއާ ބަންސަލް، ސަނާ ރައީސް ޚާން، އަނޫރާގް ދޯބަލް އަދި ނަވީދު ސޯލޭއެވެ.

މި ފަހަރުގެ ސީޒަން ތިން ބަޔަކަށް ބެހިފައިވާއިރު ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކުރީ ސީޒަންތަކާ ހިލާފަށް މި ފަހަރު ޝޯގައި ބައިވެރިވާ ކޮންޓެސްޓުންނަށް ފޯނު ބޭނުންކުރުމުގެ ހުއްދަ އޮންނަ ކަމަށެވެ. މި ޝޯ ކަލާޒް ޗެނަލުން ކޮންމެ ރެއަކު ދައްކާނެއެވެ. ކުރީ ސީޒަންތަކާ އެއްގޮތަށް މިފަހަރުގެ ޝޯ ވެސް ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ޒުވާބު ކުރުމާއި ބޮޑެތި ޑްރާމާތައް ފެނިގެންދާ މި ޝޯ އަކީ ގިނަ ބަޔަކަށް ކަމުދާ ޝޯއެކެވެ. މިހާގެ އަސްލު ދިރިއުޅުމުގައި އުޅޭ ގޮތާއި އޭނާގެ މިޒާޖު ވަރަށް ރަގަޅަށް ފެނިގެންދާ މި ޝޯ އަކީ ވަރަށް ގިނަ ދިވެހިންވެސް ބަލަމުން އަންނަ ޝޯއެކެވެ.

އެންމެ ފަހުން ގެނެސްދިން ބިގް ބޮސް ސީޒަން 16 ކާމިޔާބުކުރީ އެމްސީ ސްޓޭންއެވެ. އެމްސީ އާއި އެންމެ ކައިރިން ވާދަ ކޮށްފައިވަނީ ޝިވް ތާކްރޭ އެވެ. ދެވަނަ އަށް އޭނާ ދިޔައިރު ތިން ވަނަ އަށް ގޮސްފައިވަނީ ޕްރިޔަންކާ ޗަހާރް ޗޯދަރީއެވެ.