ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިދިޔަ ބުރާސްފަތު ދުވަހު ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމާއެކު ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ގެސްޓު ހައުސްގެ މައްސަލައާ ގުޅިގެންނެވެ.

ރަސްމީ ކޮށް ޖާބިރުގެ ކުންފުންޏަށް ގެސްޓްހައުސް ހިންގަން ބިމެއް ދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް އޭގެ ކުރިން ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުން ދިޔަ ފަރާތަށް އެތަން ނުހިންގިގެން ޖާބިރު އެތަން ހިންގާފާވެއެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ މިހާތަނަށް 2 އަހަރުވެފައިވާ އިރު އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.