މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ ގެ 76 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާ ބައްދަލު ކުރައްވައިފިއެވެ.
އދ ގެ މައި އިދާރާގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ފަދަ، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ދެ ގައުމަށް ދިމާވި ދަތިތަކާއި ކޮވިޑު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ރައީސް ވަނީ ކޮވިޑު ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން ކުރި މަސައްކަތަށް ބަންގްލަދޭޝް އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ އެގައުމުގެ ބޮޑުވަޒީރަށް ޝުކުރު އަދާ ކުރައްވާފައެވެ.
ހަމައެއާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ރައީސަށް ޝުކުރު އަދާ ކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކާއި ގުޅޭ ގޮތުންނާއި އަންނަ ނޮވެމްބަރު މަހު ސްކޮޓްލޭންޑުގެ ގްލާސްގޯގައި އޮންނަ ކޮޕް-26 ސަމިޓުގައި އެދެވޭ ނަތީޖާއެއް ނެރުމަށް ރާއްޖެއާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި މަޝްވަރާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދެގައުމަށްވެސް އެކަމުގެ ނުރައްކާ އޮތް ކަމެއްކަން ފާހަގަ ކުރައްވައި، އެހެން ގައުމުތަކުގެ ލީޑަރުންނާ އެކު އެކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރޮހިންޔާ މުސްލިމުންގެ ކަންތައްތަކުގައި ރާއްޖެއިން ބަންގްލަދޭޝް އަށް ތާއީދު ކުރާ ކަމަށާއި އިންޓަނޭޝަނަލް ކޯތް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝްގެ ސަރުކާރާއި އޯއައިސީ އާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ބައްދަލު ކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ދެމެދުގައި އާ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށާއި، ދެ ގައުމުން އިސްކަންދޭ ކަންތައްތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.