ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދުގެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓރީން ދައްކާ ގޮތުން، މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. ނަމަވެސް، މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ރޭ އޭނާ ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު، ފަހުން އޭނާގެ މައްޗަށް ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސާބިތު ނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.