ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ކައްކާގޭސް ފޯރުކޮށްދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނައުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ.

މޯލްޑިވް ގޭހުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ 7 ނޮވެމްބަރު 2026 އިން ފެށިގެންނެވެ.

މި ބަދަލާއެކު ދެން ގޭސް އަޅައިދެވޭނީ ތިރީގައިވާ މިންވަރުތަކަށެވެ:

  • 10 ކިލޯގެ ފުޅިއަކަށް: 7 ކިލޯގެ ގޭސް
  • 22 ކިލޯގެ ފުޅިއަކަށް: 14 ކިލޯގެ ގޭސް
  • 45 ކިލޯގެ ފުޅިއަކަށް: 31 ކިލޯގެ ގޭސް

ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ހަގީގީ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުންނެވެ.

މީގެއިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ މަޝްރޫއު ނިމުމުން، އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ފާހަގަކުރެއެވެ.

މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.