ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "ވޯޓާ ފްރަންޓް" މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު މަޖިލިސް އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް މީގެ ދެ ދުވަސް ކުރިން މަޖިލީހަށް ހުށަހެޅި ގަރާރެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން މިފަދަ ބަހުސްތަކަށް ފުރުސަތު ހޯދަން ދަތިވި ނަމަވެސް، މި ގަރާރު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ބިމެއްގައި ބޭރުގެ ފަރާތްތަކަށް ދިރިއުޅުމުގެ ހައްގު ލިބޭ ގޮތަށް ހިންގާ މިފަދަ ބޮޑު މަޝްރޫއެއްގައި ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އެމްޑީޕީން ފުރިހަމައަށް އިހުތިރާމުކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ މި ގަރާރުގައި، އާންމު ވޯޓަކުން ވަކި ގޮތެއް ނިމެންދެން ރަސްމާލޭގެ ބިމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން މި މަހުގެ 15 ގެ ކުރިން މިކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދީފި ނަމަ މަގުމައްޗަށް ނުކުމެ ސީދާ ހަރަކާތްތައް ފެށުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

އީގަލް ހިލްސްއާ އެކު ކުރާ އެއްބަސްވުމާ ބެހޭގޮތުން އިދިކޮޅުގެ މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ނުބުނެ އެވެ.