ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވާ ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައި ވާތީ ސެކިއުރިޓީ ހަމަޖައްސާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ މެންބަރުން އެދިވަޑައިގަނެއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް ދެއެވެ.
ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި މިވަނީ އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން ބަޔަކު ހަމަލާދީފައި ވަނިކޮށެވެ. އެ މައްސަލައިގައި ދެ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
އެއީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމާއެކު ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ގެސްޓު ހައުސް އެއްގެ މައްސަލައާ ގުޅިގެންނެވެ.
ރަސްމީ ކޮށް ޖާބިރުގެ ކުންފުންޏަށް ގެސްޓްހައުސް ހިންގަން ބިމެއް ދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް އޭގެ ކުރިން ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުން ދިޔަ ފަރާތަށް އެތަން ނުހިންގިގެން ޖާބިރު އެތަން ހިންގާފާވެއެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ މިހާތަނަށް 2 އަހަރުވެފައިވާ އިރު އެތަނުގެ ކުލީގެ ގޮތުގައި އެރަށު ކައުންސިލަށް 4.7 މިލިއަން ރުފިޔާ ޖާބިރު ނުދައްކާ އެބައޮތެވެ.
ޖާބިރަށް ސެކިއުރިޓީ އެއް ނޫން ދޭންވީ. ހޮސްޕިޓަލަށް ލާންވީ. ހެޔޮއެދޭ ފަރާތަކުން މިކަންކޮށްދީބަލަ