ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަން މައްސަލާގައި ޖަވާބުދާރީވުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭ އިން މިއަދު ޝުޖާއު އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި މިމަހު 17 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ ހާދިސާ ހިނގަމުންދިޔަ ވަގުތު ޝުޖާއު އެ ސަރަޙައްދަށާ، އެ މަރުކަޒަށް ވަދެ އެ ތަނުގައި ދިރިއުޅެމުންދާ ކުދިންނާ ވާހަކަދައްކާފައިވާ ކަމަށާ އެކަމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އަދި އެ ސަރަހައްދަށް އާއްމު ފަރާތްތައް ވެއްދުމުގައި ޝުޖާއު އެހީތެރިވެދީފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޓީއަށް ލިބިވައިގެންފައިވާތީ، އެ މައްސަލަ އެ އޮތޯރިޓީން ބަލާދިނުމަށް ރައްޔިތުންގެ މަޖިލީހުން އެދިފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އެހެން ކަމުން އެކަމުގައި ކަން ހިނގާފައިވާ ގޮތާ، އެކަމާ ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ލިޔުމުން، ސެޕްޓެންބަރު 26، 2021 ވާ އާދީއްދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އޮތޯރިޓީއަށް ފޮނުވުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރާ އެތަނަށް ބައެއް ގެއްލުންދީފައެވެ. އަދި ފިޔަވީގައި އަލިފާން ވެސް ރޯކޮށްލިއެވެ.