މިއަދުވެސް ސްޕްރީމް ކޯޓު ހިމެނޭ ސަރަހައްދު، އިސްލާމިކް ބޭންކާ ހިސާބުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރަން ފަށަފައިފިއެވެ.

އިއްޔެ ވެސް އިދިކޮޅުން ވަނީ އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ.

އިދިކޮޅުން މުޒާހަރާކުރަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ ދެވަނަ އަޑުއެހުން މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށް ދާތީއެވެ.

މި ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ. މުޒާރަހާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހުގެ އިސްތިއުފާއަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އިއްޔެގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި ކަފާލާތުގެ އުސޫލުން ރައީސް ޔާމީން ދޫކުރުމުގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީނުގެ މަށްޗަށް ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.