ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް އަދި ގެދޮރު ގަންނަ ފަރާތްތަކަށް ވިއްކާ ސްކޫކް ގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މި މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ވަނީ 1000ރ. ގެ ރޭޓުން ސްކޫކް ވިއްކަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ. މިގޮތުން ސްކޫކް ގަންނަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ދެ ލައްކަ ފަރާތަކަށް ޖުމްލަ 200 މިލިއަން ރުފިޔާގެ ސްކޫކް ވިއްކަން ހަމަޖެހިފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީއެފްސީން ބުނި ގޮތުގައި މި ހުޅުވާލި ސްކޫކްގެ ދަށުން، ސްކޫކްގެ ފައިދާގެ 65 ޕަސެންޓު ލިބެނީ ސްކޫކް ގަތް ފަރާތަށް ކަމަށާއި، ބާކީ 35 ޕަސެންޓުގެ ފައިދާ ލިބެނީ އެ ކޯޕަރޭޝަނަށް ކަމަށެވެ.

މީގެ އިތުރުން، މި ސުކޫކު ގަންނަ ފަރާތްތަކަށް ދިހަ އަހަރު ވަންދެން ކޮންމެ ހަ މަހަކުން ފައިދާ ލިބޭނެ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުންޏެވެ.

ސްކޫކަކީ ކަނޑައެޅޭ ވަކި މަޝްރޫއެއްގައި (މުދާ ގަނެ ވިއްކުން ނުވަތަ މުދާ ކުއްޔަށް ދިނުން) ލިބޭ އާމްދަނީގައި ސްކޫކް ދޫކުރެވޭ މުއްދަތުގައި، ހޯލްޑަރުން ނުވަތަ ބައިވެރިންގެ ބައިވެރިވުން ވާކަން އަންގައިދޭ ލިއުމެކެވެ.