"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހިނގާލުން ފަށާއިފިއެވެ.

އެހިނގާލުން މާލޭގައި ފަށާފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ. ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް އެއްވެފައި ވާއިރު ހިނގާލުމުގެ ބައިވެރިން ގެންދަނީ އިފްސާފު ހޯދުމަށް އަދި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މިވަގުތު ކާނިވާތެރެއަށް ބައިވެރިން ވަންނަމުން ދާއިރު ބައިވެރިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ފައިބާވަޑައިގަތުމަށްވެސް ގޮވާލަމުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކ. އަތޮޅުގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ނާއިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވީ މި ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ހުއްދަ ލިބިފައިވާ ކަަމަށާއި އަދި ހިނގާލުުމުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހިނގާލުމެއް ބާއްވަމުން މިދަނީ ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެފައިވަނިކޮށެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އެ ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ވަނީ "އައްޑަނަ" ނަމުގައި ކާނިވަލް ސަރަހައްދުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.