ދަރިޔަކު ލިބުމަކީ މި ދުނިޔެމަތިން މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަން ޔަގީނެވެ. ކުޑަ ކުއްޖަކު އާއިލާ އަށް އިތުރު ވުމަކީ މުޅި އާއިލާ އަށް ލިބޭ އާރޯކަމެކެވެ.

ނަމަވެސް އެ ދަރިފުޅު އުފަންވާ ވަގުތު ކުރެވޭ އުފަލަށް ހުރަސް އެޅި މުޅި ހަޔާތް ބަނަވެގެން ދާ އެތައް މަންމަ އަކާއި ބައްޕައެއް ތިބޭނެއެވެ. ބަނޑުބޮޑުވާ ދުވަސްވަރު ދިމާވާ މައްސަލަތަކެއްގެ ސަބަބުން ނުވަތަ ކުއްޖާ އުފަންވާ ވަގުތު ދިމާވާ ސިއްހީ މައްސަލަތަކެއްގައި ދުނިޔެއަށް އުފަންވާ ކުދިން މަރާ ހަނގުރާމަ ކުރަން ޖެހުމަކީ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. ގުދުރަތުން ވާ ކިތަންމެ ކަމެއްގައި ބައެއްގެ އިހުމާލުވެސް ވުމަކީ މި ރާއްޖެއިން ވެސް މަދުން ނަމަވެސް ފެންނަ ހިތާމަވެރި މަންޒަރެކެވެ.

ރ.އަނގޮޅިތީމަށް އުފަން މޫނިސާ ރަޝީދަކީ ބީޓާ ތެލެސީމިއާ މޭޖާ ނުވަތަ ލޭ އަޅާ މީހެކެވެ. މޫނިސާ އާއި ފިރިމީހާ ގދ.ނަަޑެއްލާ އަޝްރަފް އިބްރާހިމްގެ ހުރިހާވެސް ހުވަފެނަކަށްވެފައި ވަނީ ދަރިއަކު ހޯދުމެވެ. އާއިލާ އަށް އިތުރު މެންބަރަކު ލިބެންއުޅޭ ހަބަރު ވެގެން ދިޔައީ އެންމެންގެ ހިތްތައް އުފަލުން ފުރި ބަންޑުންވި ހަބަރަކަށެވެ. ދަރިފުޅަށް ބަލިވެ އިނދެ މޫނިސާ 9 މަސް ދުވަސް ހޭދަ ކުރީ އެހެން މާބަނޑު މީހުންނާ އެއް ފަަދަޔަކުންނެވެ. ތަފާތީ ލޭ އަޅަން ޖެހުމެއެވެ. 9 މަހާ ހަމައަށް ބަނޑުގައިވާ ތުއްތު ދަރިފުޅު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނަމުންއައެވެ. މިދިޔަ ފެބްރުއަރީ މަހު ލޭ އަޅަން ދިއުމުން ފެން މަދު ކަމަށް ބުނެ ސިޒޭރިއަން ހަދާ ދަރިފުޅު ނަގަންޖެހުނެވެ.

ތުއްތު ޒިވިއަން ބިން އަޝްރަފް އިބްރާހިމަކީ ހިތުގެ މޭޖާ ބައްޔެއް ކަމަށްވާ ޕަލްމޮނަރީ އެޓްރީޒިއާ ވިތު ވީއެސްޑީ ނުވަތަ ހިތުގެ ސާފު ލޭ ފުއްޕާމެޔަށް ދައުރުކޮށްދޭ ނާރު އުފެދިިފައި ނުވާ އަދި އިތުރު ލޯވަޅުތަކެއް ހުންނަ ކުއްޖެކެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމަށް އައިޖީއެމްއެޗުން ދީފައިވާ ލިޔުން

'ދަ ޕްރެސް' އަށް ތުއްތު ޒިވިއަން ގެ ވާހަކަ ހިއްސާކުރަމުން އޭނާގެ މަންމަ މޫނިސާ ބުނީ ސިޒޭރިއަނަށްފަހު ދެ ގަޑިއިރަށް އެންއައިސީޔޫއަށް ޒިވިއަން ގެންދިޔައީ ވިންދު މާ އަވަސް ކަމުން ކަމަށާއި އެހެންނަމަވެސް ޒިވިއަންގެ އެފަދަ ބައްޔެއް ހުރިކަމެއް އޭރު އާއިލާއަށް އަދި ޑޮކްޓަރުންނަށް ވެސް ނޭނގޭ ކަމަށެވެ.

ބަލި ދެނެގަނެވުނު ގޮތް ކިޔައިދެމުން ޒިވިއަންގެ މަންމަ ބުނީ ކުއްޖާ ނޭވާލާއިރު ވަރަށް ބާރު އަޑެއް ހުންނަ ކަމަށެވެ. އެހެންކަމުން އެކޯ ޓެސްޓެއް ހަދާ ޒިވިއަންގެ ހިތުގައި ލޯވަޅުތަކެއް ހުރިކަން ޑޮކްޓަރިންނަށް ފާހަގަވިއެވެ. އަދި ހެދި ސީޓީ ސްކޭން ތަކުން ހިތުގެ ސާފު ލޭ ފުއްޕާމެޔަށް ދައުރުކޮށްދޭ ނާރު އުފެދިިފައި ނުވާ ކަން ޑޮކްޓަރުންނާއި ހަވާލާދީ މޫނިސާ ބުނެއެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމް އެންއައިސީޔޫގައި

ޒިވިއަންގެ ހިތުގެ ބަޔަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދީފައި ވަނީ ކުއްޖާއަށް 6 މަސް ވުމުން ރާއްޖެއިން ބޭރަށްގޮސް ހިތުގެ އޮޕަރޭޝަނެއް ކުރުމަށެވެ. މި ބައްޔަކީ ރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއް ކަމުން އާސަންދައިން އެ އާއިލާއަށް ވަނީ އެހީ ލިބިފައެވެ. ނަމަވެސް އެއީ ބޭސް ފަރުވާއަށް ލިބޭ އެހީއެއް ކަމުން މާލީ ދަތިތަކެއް ތަހައްމަލް ކުރަމުން ދާތީ ފައިސާގެ އެހީތެރިކަން ބޭނުންވާ ކަމަށް މޫނިސާ ބުނެއެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމަށް އޭޑީކޭއިން ދީފައިވާ ލިޔުން

ޒިވިންގެ މަންމަ އިތުރަށް ކިޔައިދިން ގޮތުގައި މި އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް އާސަންދައިގައި ދިޔަ މީހަކާއި ދިމާވިއެވެ. އެ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އޮޕަރޭޝަންގެ އިތުރުން ގާތްގަނޑަކަށް 5000 ޑޮލަރު ހޭދަވި ކަމަށް މޫނިސާ ބުނެއެވެ.

" އާސަންދަ ލިބުނު ކަމުގައި ވިޔަސް 15 ދުވަހުން 15 ދުވަަހުން ލޭ އަޅާތީ މިއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ، އެންމެންގެ އެހީ ލިބިގެން ޒިވިއަންގެ އޮޕަރޭޝަން އާ ހިސާބަށް ދެވެން އޮތީ"
ޒިވިއަންގެ މަންމަ މޫނިސާ ރަޝީދު

6 މަހުގެ ކުދިންނާ އެއްގޮތަށް ޒިވިއަން އަކީ ވެސް ފިރުކެން މަސައްކަތްކޮށް، ކުޅެ މަޖާކުރާކޮށް ސަކަރާތްޖަހާ ހިތްވާ ކުއްޖެކެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ވަރުބަލިވެ ގުނބު ހިލޭ ކަމަށް ޒިވިއަންގެ މަންމަ ބުންނެވެ. ޒިވިއަންގެ މަންމަގެ އެދުމަކީ ބޮޑުވެގެން އަންނައިރު އެހެން ކުދިންނެކޭ އެއްގޮތަށް ހަރާކާތްތެރިވެ އުޅެވޭ ކުއްޖަކަށް ޒިވިއަންވުމެއެވެ. މޫނިސާގެ މި އެދުން ފުރިހަމަ ކޮށްދެވެން އޮތީ އެތަށް ބައެއްގެ އެހީތެރިކަމާއި އެކީގައެވެ. އެއްވެސް މަޔަކަށް ބަނޑުއަޅާ ވިހާ ދަރިއަކު ތަހައްމަލް ކުރާ ވޭން ބަލާކަށް ކެތެއް ނުވާނެއެވެ. ކޮންމެ ދުވަހަކީވެސް މޫނިސާއަށް ހިތްދަތި ދުވަހެކެވެ. ތެލެސީީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ މޫނިސާއަށް ލިބުނު ދަރިފުޅު ބަލި ކުއްޖަކަށް ވުމުން އޭނާގެ ހިތް ވަނީ ކުދިކުދިވެފައެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމް އެންއައިސީޔޫގައި

މިހާ ހިސާބަށް އާންމުގެ ފަރާތުން ލިބިފައިވާ އެހީ ފާހަގަކޮށް މޫނިސާ ޝުކުރު އަދާ ކުރާއިރު، އެ އާއިލާއަކީ 'މާ ލިބިގެން އުޅޭ އާއިލާއެއް ނޫން' ކަމަށް ވާތީ މާލީގޮތުން އަދިވެސް އެ އާއިލާ ވަނީ އެހީތެރިކަން ބޭނުން ވެފައެވެ. ޒިވިއަން އަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޒިވިއަންގެ މަންމަ ،މޫނިސާ ރަޝީދު 7688890 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

'ދަ ޕްރެސް'ގެ ދުއާއަކީ ޒިވިއަން ބިން އަޝްރަފް އިބްރާހިމްއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.