ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވުމުން، ނޫހަކުން ހަދާފައިވާ ހަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މި މީހާ ވަނީ ރައީސަށް ހުތުރުބަހުން މުހާތަބުކޮށް "މަރާލަން ޖެހޭ" ކަމަށް ލިޔެފައެވެ.

ފޭސްބުކްގައި މަސީހް މޫސާ ނަމަކަށް ކިޔާ މީހަކު ލިޔެވައިވާ ޕޯސްޓާއި ގުޅިގެން ފުލުހުން ވަނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައެވެ. އެގޮތުން މިހާރު އެމީހާ ވަނީ ހައްޔަރު ކޮށްފައި ކަމަށާއި އޭނާގެ ފޯން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަސީހް މޫސާ، މަލަސް، ތ. ތިމަރަފުށި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ވާ މަސްތުވާތަކެއްޗާ ބެހޭ ބިލަށް މަރުގެ އަދަބު ދޭ އިސްލާހެއް ހުށަހެޅުމަށް މަޝްވަރާ ކުރުމުންދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފަިއ ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެެ. އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބިލު ހުށަހެޅުއްވި އިރު ރައީސް އިރުޝާދު ދެއްވާ އިސްލާހަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ އިސްލާހެވެ.