އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަކޮށް ތަފާތު ގިނަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާއިރު މި ފަހަރު އެ ކުންފުނިން މި އޮތީ މުޅިން ތަފާތު ހަރަކާތެއް ރާވާލާފައެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހަމަ ކޮންމެ މީހަކަށްވެސް ހިލޭ އައިސް ކްރީމެއް ދިނުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނިން ވަނީ މި ދައުވަތު 'ދިރާގަށް'ވެސް ދީފައެވެ. އުރިދޫއިން ސޯޝަލް މީޑިއާގައި އެއްވެސް އަޑެއް ނުލާ ޕޯސްޓުކޮށްފައިވާ ވީޑިއޯގައި އައިސްކްރީމް ބޭނުންވެގެން އުޅޭކަން އެނގިގެން ދެއެވެ. އަދި އެ ޕޯސްޓަށް، ދިރާގުން ދެ އައިސްކްރީމް ފޮޓޯ އާއި އެކު ރިޕްލައިކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ މި ވީޑިއޯ އަޑާއި އެކު ޕޯސްޓުކޮށްދިނުމަށް އެދިފައެވެ.
އުރީދޫ އިން ކޮށްފައިވާ އިތުރު ޕޯސްޓެއްގައި ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓާސް އަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަަކަށްވެސް އައިސް ކްރީމެއް ލިބިގެން ދާނެކަމަށް ބުނެފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 1، 2025 ވަނަ ދުވަހު ހަވީރު 4:30 އިން 6:00 އަށެވެ. އެހެންނަމަވެސް މިއީ އަދި މުޅި މި އިވެންޓުގެ ކުޑަ މިންވަރެއްކަން އެގިގެންދަނީ 'އިންތިޒާރުކޮށްލުމަށް' އެދި އުރީދޫއިން ކޮށްފައިވާ އިތުރު ޕޯސްޓަކުންނެވެ.
މާދަމާ އުރީދޫ ހެޑްކުއާޓާސް އަށް ޒިޔާރަތްކުރާ ކޮންމެ މީހަަކަށްވެސް އައިސް ކްރީމެއް ލިބިގެން ދާއިރު، ދިރާގަށް ދައުވަތުދީ، އުރީދޫ އިން ދޭން އުޅޭ ސަޕްރައިޒަކީ ކޮބައިކަންވެސް މާދަމާ އެނގިގެން ދާނެކަމަށް ބެލެވެއެވެ.
އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެގޮތުން ތަފާތު ޕްރޮގްރާމްތަކާއި އެކި ހާއްސަ ޑޭޓާ ޕެކޭޖްތައް އުރީދޫއިން ތައާރަފްކުރާކަން ފާހަގަކުރެވެއެވެ.