ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 25 ބިދޭސިއަކު އަތުލައިގެންފިއެވެ.
މިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި، އެކޮމޮޑޭޝަން ބްލޮކެއް އިއްޔެ ހެނދުނުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަން ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 25 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ގާނޫނުގެ ތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުންވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.