ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިވެދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ބުނީ މި އެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސްއަށް ހާއްސަކުރެވިފައިވާ ތަނަކަށް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ 2 މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، މުޅި ރާއްޖޭގައި ބާސްކެޓްބޯޅަ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިޔުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ. އަދި މި އެއްބަސްވުމާއެކު އެތުލީޓުންނަށް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށެވެ.