އަބަދުވެސް ކޮންމެވެސް ކަނެއްގައި ކޮންމެވެސް މީހަކު ބިއްޖެހޭތީ އާންމުން ޝަކުވާ ކުރެއެވެ. ކާރޫބާރޫ ބޮޑެތި މަގުތަކާ ގުޅިފައި ހުންނަ ގޯޅިގޯޅީގައި ރޯމާ ދުވާލު މަސްތުވާތަކެތި ބޭނުން ކުރަން މީހުން ތިބޭ ވާހަކަ ވެސް ދައްކައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދޮށީ މީހުންވެސް ހިމެނޭ ކަމަށް ވެސް ބުނެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑުވެފައި އޮތް މައްސަލައެއްކަން އެންމެނަށްވެސް އެނގެއެވެ. ކުދިކުދި ރަބަރު ޕެކެޓުގައި ޕީސް ހަދައިގެން ފޮރުވައިގެން ގެންގުޅު އެއްޗެހި މިހާރު ގޯނިގޯނީގައި ކިލޯ ކިރައިގެން ގެންގުޅޭކަން ވެސް އެނގެއެވެ. ކޮންމެވެސް މީހަކު މަސްވުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވާހަކަ ވެސް އަަބަދާއަބަދު އިވެއެވެ. އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާއި ރަލާއި އެތަކެތި އަޅާފައި ހުންނަ ހުސް ފުޅި ނައްތާލާ ވާހަކަ ވެސް ތާއަބަދު އިވެއެވެ.
އެންމެނަށްވެސް ގަބޫލު ކުރެވިފައި އޮތީ މަސްތުވާތަކެއްޗަކީ ހައްލެއްނެތް ވަގާއެއް ކަމަށާއި އެ ބޭނުން ކުރާ މީހުންނަކީ "ބަލި ކުދިން" ތަކެއްގެ ގޮތުގައެވެ.
އަސްލު ވަނީ ކިހިނެއް؟
ރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާން އޮންނަނީ ނޭޝަނަލް ޑްރަގް އެޖެންސީއެވެ. އެތާނގައި އިދާރީ މުވައްޒަފުންގެ އިތުރުން ލަފާދޭ ބޯޑަކާއި ކައުންސިލިން ދޭނެ މީހުންވެސް ތިބެއެވެ. އޭގެ ބޭރުން ސިޔާސީ މަގާމުތަކުގައި ތިބޭ ބަޔަކުވެސް އެބަތިއްބެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ދާއިރާގެ ތަޖުރިބާއެއް ނެތި، ސަރުކާރުގެ ބޮޑުންގެ ތިމާގެ ކަމުގައި ވަޒީފާދީފައި ތިބޭ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން އޮފީހަށް ގޮސް އައިސް ވުމާއި އޮފީހުގެ މަސައްކަތުގައި ތަންތަނަށް ގޮސް ހަދަނީ ތަނުގެ މުވައްޒަފެއްގެ ހަރަދުގައެވެ. ދެން ދިމާ ކުރަނީ އޯޓީވެސް ނަގާށެވެ. އެކަންކަން އައްޑޫ އަދި ވިލިނގިލިން ފާހަގަ ވެފައި ވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެއިން އައްޑޫގައި މެތަޑޯން ފައުވާއަށް ބޭނުންވާ ކުދިންގެ އަތުން ލާރި ނަގަން އުޅުނުކަމުގެ ޝަކުވާއެއްވެސް ވަނީ ފެންމަތިވެފައެވެ.
މާލޭގައި ހުންނަ ކޮމިއުނިޓީ ސާވިސް ސެންޓަރާއި، ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އާއި، ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރާއި އައްޑޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރާއި، ފުވައްމުލަކުގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރު ހުންނަނީ އެތަނުގެ ބެލުމުގެ ދަށުގައެވެ.
މީގެ އިތުރުން ވެސް ގދ. ތިނަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރާއި، ހދ. ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރާއި، ކ. ގުޅީގައި ހުންނަ ރިމާންޑް ސެންޓަރާއި ގއ. ވިލިނގިލީގައި ހުންނަ ދަގެނާ - ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރަާއި، ހުޅުމާޅެ ފޭސް 2 ގައި ހުންނަ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަކީ ވެސް އެ އެޖެންސީގެ ދަށުން ހިންގާ ތަންތަނެވެ.
ސެންޓަރުތަކުގެ ފަރުވާ ހޯދަމުންދާ މީހުން:
- މާލެ: 238
- ހުޅުމާލެ: 51
- ހިންމަފުށި: 62
- އައްޑޫ: 116
- ފުވައްމުލައް: 14
- ތިނަދޫ: 48
- ހަނިމާދޫ: 0
- ގުޅީފަޅު: 20
- ހުޅުމާޅެ ފޭސް2: 12
- ނެޝަނަލް ސްޓޭޑިއަމް: 7
- ގަގަން ކްލިނިކް: 65
- ވިލިނގިލި: 7
މި ހުރިހާ ސެންޓަރުތަކެއްގައި ޖުމްލަ 641 މީހުން މިހާރު އެބަ ތިއްބެއެވެ. އޭގެތެރޭގައި އުމުރުން 13 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. 20 އަންހެނަކު ތިބި އިރު ބާކީ އެއީ ފިރިހެނުންނާއި ކުދިންނެވެ.
ފަރުވާގެ މަރުހަލާތައް:
- ޑިޓޮކްސް: 7 ދުވަހާއި 14 ދުވަސް
- ރިހެބިލިޓޭޝަން ޓްރީޓްމަންޓް: 3 މަހާއި 6 މަސް ދުވަސް
- ކޮމިއުނީޓީ: 3 މަސް ދުވަސް
ފަރުވާ ނިންމާ މީހުންނަށް ވަނީ ކިހިނެއް؟
ފަރުވާގެ 2 މަރުހަލާ ނިންމާ ކޮމިއުނިޓީ (މުޖުތަމައަށް) ދޫކޮށްލައިގެން ފުރިހަމަ ކުރާ ފަރުވާގެ މަރުހަލާ ނިމޭ އިރު އެމީހުން ތިބެނީ އަލުން ފަރުވާގެ މަރުހަލާ 1 އިން ފަށަން ޖެހިފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދިން ޑީއެންއޭގެ މަސްދަރަކުން ބުނީ، އެކަން އެހެން ދިމާވަނީ ފަރުވާގެ މަރުހަލާތައް ނިންމަން ކޮމިއުނިޓީއަށް ދޫކޮށްލާ މީހުންނާއި ފަރުވާއަށް ބޭނުންވެ ކިއުގައި ތިބޭ މީހުންނާއި ޖާގަ ނެތިގެން ނުގެންދެވިފައި ތިބޭ މީހުންނާ، އެމީހުން ދިމާވެ އެކުގައި އުޅެވޭގޮތް ދިމާވާތީ ކަމަށެވެ.
މައުލޫމާތު ދިން މަސްދަރުން ބުނީ މިހާރު އޮންނަ ގޮތަށް ފަރުވާގެ ކަންކަން ބާއްވައިގެން ދުވަހަކު ވެސް ހައްލެއް ނެތް ކަމަށާއި ކިތަންމެ ރަނގަޅަށް ފަރުވާ ދީ ނިންމިޔަސް، އެމީހުން އަނބުރާ ފަރުވާއަށް ދާން މަގުފަހިވާ ގޮތަށް އޮތް މުޖުތަމައަކަށް އެމީހުން ދޫކޮށްލައިގެން ޖެހޭނީ ހަމަ "ނެގި ވަޅުގައި" ކަމަށެވެ.
އޭނާ އިތުރަށް ބުނީ، ފަރުވާ ދޭ މަރުކަޒުތައް ފުރިފައި ވާއިރު މިހާރުވެސް ފަރުވާއަށް ބޭނުންވަގެން ކިއުގައި 500 އެތައް މީހަކު އެބަ ތިބި ކަމަށެވެ. އަދި އެ އެންމެންވެސް ތިބީ މުޖުތައުގެ ތެރޭގައި މިނިވަން ކަމާއެކު ކަމަށާއި، އެހެން އޮތް ތަނެއްގައި މައްސަލަ ހައްލުނުވާނެ ކަމަށެވެ.
މައްސަލަ ހައްލު ވާނީ ކިހިނެއް؟
ޑްރަގްގެ ތަފާތު މައްސަލަތަކަށް އެންޑީއޭއިން އެޓެންޑް ވި ނަމަވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމާއި ޑީލް ކުރުމުގެ ވިޔަފާރި ތައް ހުއްޓުމަކަށް ނުގެނެސް މައްސަލަ ހައްލުވާކަށް ނެތެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާއާއި އެފައިސާއިން އުފައްދާ އެހެނިހެން ވިޔަފާރިތައް ނުހުއްޓުވާވެސް ވާކަށް ނެތެވެ. ކޯޓު މަރުހަލާތަކުގައި ހިނގާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް، ހެކި ހޯދާ ގޮތް ގޯސްވެގެން ނުވަތަ ހެކިން ހެކިބަސް ނުދީގެން ކަމަށް ބުނެ ދޫކޮށްލައިގެން ވާކަށް ނެތެވެ. ނިޒާމަށް ވުރެ މަތިން އޮޕަރޭޓް ކުރަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން އަމުދުން މައްސަލަ ހައްލެއް ނުވާނެއެވެ.
އޭގެ އިތުރުން، ފަރުވާގެ މަރުހަލާތައް ނިންމަން މުޖުތަމައަށް ދޫކޮށްލަން ޖެހޭ މީހުން، ވަކިން އެކަހެރި ތަނެއްގައި ބައިތިއްބޭނެ ގޮތް ހެދުމަކީވެސް މުހިންމު ކަމެކެވެ. އެގޮތަށް އެމީހުން ބައިތިއްބާ އިރު، ވޮކޭޝަނަލް ޓްރޭނިން ދީ، އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ހަދާ، އެމީހުންނަށް އާމްދަނީއެއް ލިބޭނެ މަގު ފަހި ކުރުމަކީ އެކަން ކޮށްދޭން ޖެހޭނެ ގޮތެވެ.
މަސްތުވާތަކެތީގެ ހާލި ހަދާފައި އޮންނަ މުޖުތަމައަކަށް ދޫކޮށް ލުމުން ނެގި ވަޅަން ޖަހަން ނުޖެހި، ފަރުވާ ސެންޓަރުތައް ފުރި ކިއު ދިގުވެ ހަދާނެ ގޮތް ހުސްވެގެންވެސް އޭރުން އުޅޭކަށް ނުޖެހޭނެއެވެ. ފަރުވާއަށް ބޭނުންވާ މީހުން ދުވަހުން ދުވަހަށް މަދުވެ، އިސާހިތަކު މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރެވޭނެއެވެ.