ނޭޝަނަލް ޑްރަގް އެޖެންސީއިން ލ. އަތޮޅު ހިމެނޭ ގޮތަށް ތިން އަތޮޅެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރުތައް ގާއިމުކުރުމަށް ނިންމާ، އެކަމާ ގުޅޭ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް، އެ އޭޖެންސީ އިން ވަނީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވާއިރު މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ސަރަހައްދުތައް މިހާރު ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގައެވެ.

މިގޮތުން މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުގެ ތެރެއިން ޅ.އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ވަނީ މި މަހުގެ 24 ވަނަ ދުވަހުން 28 ވަނަ ދުވަހަށް، އެ އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށްފައެވެ.

އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހާއި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އިސްމާއިލް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތް މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާ ވަނީ ބައްދަލުކޮށްފައެވެ.

އެންޑީއޭ އިން ބުނީ މި ރަށްތަކަށް ކުރާ ދަތުރަށް ފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހުކަމަށެވެ.

މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެއްޓުމަށް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.