މާލޭ މަގުމަތީގައި ތިބޭ މަސްތުވާތަކެތި ބޭނުންކުރާ މީހުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީގެ ސީއީއޯ އިމާދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން މާލޭގެ މަގުމަތީގައި ސަލާން ޖަހަން ނުވަތަ އެހެނިހެން ވެސް ކަންކަމުގައި ތިބޭ މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށެވެ. އަދި އެފަދަ މީހުން އެންޑީއޭގެ ފަރުވާއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިމާދު ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން 700އެއްހާ މީހުން ފަރުވާއަށް ފޮނުވުމަށް ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް (ކްލައިޓުންނަށް) ފަރުވާ ދިނުމަށްޓަކައި ހާއްސަ އޮޕަރޭޝަން ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކްލައިންޓުންގެ ފަރުވާގެ ޕްރޮގްރާމް ކަނޑައަޅަނީ އެސެސްމެންޓް ހެދުމަށްފަހު ޑްރަގްކޯޓުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ކޮށްފައިވާ ރިހެބްލިޓޭޝަން އަމުރުތަކާއި އެއްގޮތަށް ކްލައިންޓުންނަށް ފަރުވާ ދިނުމަށްޓަކައި އެންޑީއޭގެ މުޅި ޓެކްނިކަލް އަދި އިދާރީ ޓީމް މަސައްކަތް ކުރަމުންދާއި މިހާރު ކުރިއަށް ދަނީ ކްލައިންޓުންނަށް ގުޅުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމާދު ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް 4 މަހުގެ ތެރޭގައި އެ 700 ކްލައިންޓުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށްފަހު، މުޖުތަމައަށް އަނބުރާ ގެނައުން ކަމަށެވެ. ހިދުމަތް ފުޅާކޮށް އަދި ހިދުމަތް ލިބެން ނެތް ސަރަހައްދުތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަ ކުރައްވާ އިމާދު ވިދާޅުވީ ނ. ވެލިދޫ ހދ. އަދި ލ. އަތޮޅުގައި އަންނަ އަހަރުގެ ފެބްރުއަރީގައި ރިހެބްލިޓޭޝަން ސެންޓަރުތަކެއް ހަދާނެ ކަމަށެވެ.
މި ސަރުކާރުން އެންޑީއޭގެ މަސަައްކަތް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ގެނައުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފާއިތުވި 1 މަސް ދުވަހުގެ ތެރޭގައި އައިސްފައިވާ ކަަމަށް އިމާދު ވިދާޅުވިއެވެ.
އެންޑީއޭގެ ބޯޑުގައި 10 މެންބަރުން ހިމެނޭއިރު އޭގެތެރެއިން 5 މެންބަރުންނަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައްކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލާއެކު އެކިއެކި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން އަވަސް ގޮތެއްގައި ނިންމުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
މީގެއިތުރުން އިމާދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ހެލްތް އެޕްރޯޗެއްގެ ގެންގޮޅުމުގެ މާނައަކީ އެންޑީއޭ ހެލްތް މިނިސްޓްރީގެ ދަށުން ހިންގުން ނޫން ކަމަށެވެ. އެއީ ހެލްތް އެޕްރޯޗުގެ ދަށުން ކްލައިޓުންނަށް ދޭންޖެހޭ ފަރުވާ ދިނުން ކަމަށާއި އެންޑީއޭގެ ބޯޑުގައި ހެލްތް މިނިސްޓްރީގެ މެންބަރުން ހިމެނެނީ އެ ސަބަބަށްޓަކައި ކަމަށެވެ.
ވޭތުވެދިޔަ 30 އަހަރު ތެރޭގައި ތިޔަބުނާ އެންޑީއޭ އިން ފަރުވާދީގެން ރަގަޅުވި މީހުންގެ އަދަދު 30 ހަށްވެސްނާރާ.. އެޑްނޮކް ބޭސް އެންޑީއޭ އިން ލިބޭނެގޮތް ހަދަންވީ.. އެއީ ހައްލަކީ.. ހައްލަކީ ޖޮބްގަ އުޅޭ ކުދިންނަށް ބޭސްލިބޭނެ ގޮތެއް ހޯދުން...