މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުށުގެ ރެކޯޑުގައި ނުހިމަނައި ސިއްހީ ހިދުމަތެއްގެ ގޮތުގައި ފަރުވާ ހޯދޭނެ ނިޒާމެއް ގާއިމްކޮށް އަމިއްލަ އަށް ފަރުވާ އަށް އެދޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މާލޭއާއި އަތޮޅުތެރޭގެ ރަށްރަށުގެ މަގުތަކުގެ މަތީގައި މަސްތުވެގެން އުޅޭ މީހުންގެ ރިޕޯޓްތައް ލިބެމުން އަންނަ އިރު، ބައެއް ފަރާތްތަކުން މިފަދަ މީހުން ކުރާ ކުށްތަކުގެ ސަބަބުން އަނިޔާކޮށް ފޮޓޯއާއި ވީޑިއޯތައް ނަގައި ސޯޝަލް މީޑިއާގައި ވެސް އާންމުކުރާ ކަމަށެވެ. މިފަދަ މީހުންގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި މީހުންނާއި ވަންނާނެ ތަނެއް ނެތި މާލޭގެ މަގުތަކުގައި އުޅެމުންދާ މީހުން ވެސް އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މީހުން މަގުމަތީގައި ތިބޭ ތަން ފެންނަ ފަރާތްތަކުން ނެޝަނަލް އެމަޖެންސީ ނަންބަރު 911 އަށް ގުޅުމަށް އެންޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މިފަދަ ކޭސްތައް އިތުރުވަމުން އަންނާތީ މަސްތުގެ ވަބާގައި ޖެހި ދެވިހިފާފައިވާ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގްސަދުގައި މިހާރު ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ވެސް އެންޑީއޭ އިން ބުނެއެވެ.

މި އޮޕަރޭޝަންއާ ގުޅޭ އިތުރު ތަފްސީލް 'ދަ ޕްރެސް' އާ ހިއްސާކުރައްވަމުން އެންޑީއޭގެ އޮފިޝަލަކު ވިދާޅުވީ، މި އޮޕަރޭޝަންގައި އަމިއްލައަށް ވެސް ގުޅައިގެން ބައިވެރިވެވޭނެ ކަމަށާއި މި އޮޕަރޭޝަންގައި ބައިވެރިވުމަކުން ކުށުގެ ރެކޯޑްގައި ނުހިމެނޭނެ ކަމަށެވެ. ކުށުގެ ރިކޯޑް ކުރުމަށް ވުރެ ބޮޑަށް މި އޮޕަރޭޝަން މި ހިންގަނީ ސިއްހީ ހިދުމަތެއްގެ ގޮތުގައި ބަލައިގެން މުޖުތަމައުގައި މަސްތުވާ އެއްޗެއްސަށް ދެވި ހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކަށް ފަރުވާގެ ނިޒާމަށް ވަދެވޭނެ ދެ ގޮތެއް އެބަ އޮތް ކަމަށާއި އެތަނުން އެ ފަރާތެއް ބޭނުންވާ ގޮތެއް ހިޔާރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެއް ގޮތަކީ ރިމާންޑްގެ ތެރެއިން ފަރުވާ ހޯދުމާއި ގޭގައި ތިބެގެން ވެސް މި ނިޒާމުގެ ތެރެއިން ފަރުވާ ހޯދޭނެއެވެ.

އެންޑީއޭގެ ފަރުވާގެ ނިޒާމަށް މީހުން ވެއްދުމަށް އިތުރު ޖާގަތަކެއް ހަމަޖައްސާފައިވާ ކަން ފާހަގަ ކުރައްވަމުން އެ އޮފިޝަލް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ފަރުވާ ދިނުމުގައި އަމިއްލައަށް އިސްނަގައިގެން އެދޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މިހެން މިކަން ކުރަމުން އައި ކަމުގައި ވިޔަސް ރިހެބިލިޓޭޝަން އޯޑަރާ އެކުގައި ވެސް ފަރުވާގެ ނިޒާމުން ހިދުމަތް ލިބުމުގައި މާ ބޮޑު ލަސްތަކެއް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަމިއްލަ އަށް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅައިގެން ހިދުމަތަށް އެދި ނަން ނޯޓު ކުރެވޭނެއެވެ.

އެންޑީއޭ އިން ދޭ ފަރުވާގެ ނިޒާމުގައި މީގެ ކުރިން ބޮޑު ބެކްލޮގެއް އޮތް ނަމަވެސް މިހާރު އެ ބެކްލޮގް ވަނީ ވަރަށް މަދުވެފައި ކަމަށް އެންޑީއޭ އިން ބުނެއެވެ. އެ ބެގްލޮޖް ދަށްވެފައި މިވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ގުޅިގެން ކޮމިއުނިޓީ ފަރުވާ ދޭން ފެށުމުން ކަމަށް ވެސް އެންޑީއޭ އިން ބުނެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ނުހަނު ގެއްލުން ހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމެކެވެ. މިހާރު ދިވެހިންގެ ތެރޭގައި ވެސް ޕާތީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ނުރަނގަޅު އާދަޔާއި ގުޅިފައިވާ އެހެނިހެން ކަންތައްތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. އެ ގޮތުން ޑްރަގް އިންޖެކްތް ކުރުމާއި އެ ކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ވެސް މަސްތުވާ އެތައް ބަޔަކު އަންނަނީ ތަހައްމަލު ކުރަމުންނެވެ.