ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
އަލީ ވަހީދު މިހާރު ހުންނެވީ ރާއްޖޭން ބޭރުގައި ނަމަވެސް އޭނާ ރާއްޖެ އައުމަށް ކްރިމިނަލް ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އޮތީ އަންގާފައެވެ.
ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ވަޑައިނުގަނެވޭނެ ކަމަށް ކުރިން ވިދާޅުވެ އަލީ ވަހީދު ވަނީ އޮންލައިންކޮށް އަޑުއެހުން ކުރިޔަށް ގެންދިއުމަށް ތާވަލު ކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. އެހެން ނަމަވެސް އެގޮތަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ. ފަހުން ޝަރީއަތް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރި ޝަރީއަތަށް ވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްގެން ދިޔަ އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ވަކި މީހެއްގެ މައްޗަށް ވަކިގޮތަކަށް ޝަރީއަތް ނުހިންގޭނެ ކަމަށާއި ކޯޓުތަކުން ވަކިގޮތަކަށް ކަން ކުރަމުން އަންނަ ކަމުގެ އިހުސާސް ރައްޔިތުންގެ ހިތުގައި އުފެދިއްޖެ ނަމަ ކޯޓުތަކާ މެދު ސުވާލު ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ތަސައްވަރު އުފެދޭނަމަ އެކަމަށް އިޖާބަދީ ގާނޫނު އަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ސައުދޫ ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު އޭނާއަށް ރައްދުވެފައި ވާތީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ. އެހެންކަމުން ދެ މަހާ 12 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށް، މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ފަނޑިޔާރު އެދުވަހު ވަނީ ވިދާޅުވެފައެވެ.
އަލީވަހީދު މިއަދު ވަނީ ހަވީރު އޭނާ ޕްރެސްކޮންފަރެންސެއް ބާއްވާކަން އިއުލާން ކޮށްފައެވެ.