ހިޔާ ޓަވަރުތަކުގެ ތެރެއިން 9 ވަނަ ޓަވަރުން ފްލެޓް ލިބި އެޗްޑީސީއާއެކު، ސޮއި ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯގެ ހިދުމަތުގެ ފޯމްގައި ސޮއި ނުކޮށް ތިބި މީހުން ސޮއި ކުރުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ.

ސްޓެލްކޯ އިން ވަނީ ހުޅުމާލެ ހުރަވީ ސުކޫލުގެ ހޯލުގައި ބަހައްޓާފައިވާ ސްޓެލްކޯގެ މޭޒަށް މާދަމާ ހެނދުނު 9 އިން މެންދުރު 12 އާ ދެމެދު ގޮސް ރަޖިސްޓާ ކުރަން އެދިފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމާ އެ ދެޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް މާދަމާ ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

15 އަދި 16 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށާއި އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ހާޒިރުވުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

އެކިއެކި ސަބަބުތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރާ 2،646 ފަރާތް ވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.