ގއ. މާމެންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް މުބާރާތުގައި ބާއްވެރިވާން މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

މާމެންދޫ ކައުންސިލުން ބުނީ އެ މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 10,000 ރުފިޔާ ލިބޭނެ ކަމަށެވެ.

އެ މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިހްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ މާމެންދޫ ކައުންސިލްގެ އިދާރާއަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފަރުމާކޮށްފައިވާ ލޯގޯ ސެޕްޓެންބަރު 19، 2021 ވަނަ ދުވަހުގެ 01:00 ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އީ-މެއިލް މެދުވެރިކޮށް ވެސް ލޯގޯ ހުށަހެޅޭނެ ކަމަށް މާމެންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 3 ލޯގޯ ކަމަށާއި ޝޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދޭންވާނެ ކަމަށެވެ.

ލޯގޯ ފަރުމާކުރުމާއި ޝިއާރު ކަނޑައެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  • ލޯގޯއިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ރަމްޒުކޮށްދިނުން، އަދި ރަށުގެ ތާރީހާއި، ދީނާއި ސަގާފަތް ދައްކައިދިނުން\
  • ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން.
  • ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން.
  • ތްރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯ ހުށަހަޅާއިރު ކަވާ ލެޓާއެއް ހުށަހަޅަން ޖެހެއެވެ. އެގޮތުން އެ ސިޓީގައި ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރު، އެޑްރެސް އަދި ފޯނު ނަންބަރާއި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް އަދި ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ހިޔާލެއްކަން އަންގައިދިނުމާ އެކަމަށް އިހުރާރުވާން ޖެހެއެވެ.

ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާ އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ވެސް ހުށަހަޅަން ޖެހެއެވެ. އޭގެ އިތުރުން ލޯގޯގެ ސޮފްޓް ކޮޕީ 150 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީޕީއައި ރިޒޮލިއުޝަންގައި ހުށަހަޅަން ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

އަދި ލޯގޯ ޕީއެންޖީ ފައިލާއެކު އެސްވީޖީ، އީޕީއެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއާއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓާ ފައިލް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.